ރޭ ހުޅުމާލޭ ބީޗު ކުލަބު ކެފޭ ތެރޭގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ބުނި މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ބީޗް ކްލަބްގައި ހުރި މީހެއްގެ ދަބަހުގައި ގޮވާޒާތުގެ އެއްޗެއް އޮތްކަމަށް ބުނެ މީހަކު އިންޒާރުދީފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އާންމުން މީހަކު ފުލުހުންނަށް އެ މައްސަލަ ރޭ ރިޕޯޓްކުރުމާއި ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ހައްޔަރުކޮށްފައި މިވަނީ، ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައި 14 މީހަކު މިމަހު ހައްޔަރުކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން އުޅުނީ ބާރުގަދަ ގޮއްވުމެއް ގޮއްވާލާށެވެ. އަދި ހައްޔަރުކުރި މީހުންގެ ގެތަކާއި އެމީހުން ބޭނުންކުރި ބައެއް ގެތަކާއި ވެހިކަލްތަކާއި ޑީންގީއެއް ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަން ހުއްޓާނުލައި އައްޑޫގައި ފުލުހުން އަންނަނީ ހިންގަމުންނެވެ.