ބްރެޒީލްގެ ވެރިކަމަށް ލުއީޒް އިނާސި "ލޫލާ" ޑި ސިލްވާ ހޮވުމާއެކު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އަވަސްވެގަތީ އޭނާގެ ސަރުކާރާއެކު ޚާއްސަ ގުޅުންތަކެއް ބޭއްވުމުމަށް މަގު ފަހިކުރުމަށެވެ. ސަބަބަކީ ކެމްޕޭނުގައި ލޫލާ ދައްކަވަމުން ގެންދެވި ޗައިނާއާ ގުޅުން ބަދަހިކުރުމުގެ ވާހަކަތަކުން އުފެދިފައިވާ ނުތަނަވަސްކަމުގެ އިތުރުން، އެ ގައުމުގެ އެއްބާރުލުމާ ނުލައި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް ނުބޭއްވޭތީ އެވެ.
ކެމްޕޭނުގައި ލޫލާ ވަނީ ޗައިނާ އާއި ރަޝިޔާ އާއި އީރާނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ބްރެޒިލްގެ އިންތިޚާބަށް ފަހު ބައިޑަންގެ ސަރުކާރުން އަންނަނީ ލޫލާ އާ ބައްދަލުވުމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާއިން ވަނީ ބްރެޒީލުން އިއުލާން ކޮށްފައިވާ ތިމާވެށްޓާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި އެއްބާރުލުން ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
2003ން 2010 އަކަށް ބްރެޒިލްގައި ވެރިކަން ކުރެއްވި ލޫލާ މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް ބޮލްސޮނާރޯގެ މައްޗަށް ގާތްގަނޑަކަށް ދެ ޕަސެންޓްގެ ކުރި އެރުމެއް ހޯއްދަވައިގެންނެވެ. ކޮވިޑް ޕެންޑަމިކުގައި އިގުތިސާދަށް އައި ލޮޅުމާއި ގައުމުގެ އެތެރެއާއި ބޭރުގެ މީޑިއާތަކުން ފާޅުކުރަމުން ގެންދިޔަ ޝުއޫރުތައް ވީ ބޮލްސޮނާރޯގެ ސަރުކާރު ވެއްޓުނު ސަބަބަށެވެ.
ބޮލްސޮނާރޯ ބަލިކޮށް އިންތިޚާބު ކާމިޔާބުކުރި ލޫލާއަކީ 2010 ވަނަ އަހަރު އޭނާގެ ވެރިކަން ނިމުމާއެކު ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. މަނީ ލޯންޑަރިންގާއި ކޮރަޕްޝަންގެ ކުށުގައި ފުރިހަމަ ކުރަމުން ގެންދެވި ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެންނެވީ އޭނާގެ ވޯކާސް ޕާޓީގެ މެޖޯރިޓީއާއެކު އައްޔަން ކުރި ސުޕްރީމް ކޯޓުގެ ބެންޗުން މައްސަލަ އަލުން ބެލުމަށް އަންގައި ދޫކޮށްލުމުންނެވެ.
ޖަލުން ނިކުމެ ވަޑައިގެން ލޫލާ ވަނީ އޭނާގެ ޕާޓީ ވަރަށް ބޮޑަށް ރިފޯމްކުރައްވައި ގިނަ އަދަދެއްގެ ކުދި ޕާޓީތަކަކާ އެކު ކޯލިޝަން ހައްދަވާފަ އެވެ.
ލޫލާ ބްރެޒީލްގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ލެޓިން އެމެރިކާގެ ހުރިހާ ސަރުކާރުތަކާއެކު ވެސް އޭނާ ވަނީ އާދަޔާ ޚިލާފު ގާތް ގުޅުމެއް އުފައްދަވާފަ އެވެ. އެ ގައުމުތަކާއެކު ލޫލާ މީގެ ކުރިން ބޭއްވި ގާތްގުޅުމާއި އެމެރިކާއިން ޑިކްޓޭޓަރުންކަމުގައި ކަނޑައަޅާފައިވާ ލީޑަރުންނަށް ސަޕޯޓުކުރެއްވުމަކީ ލޫލާއާ މެދު އެމެރިކާ ސަރުކާރުގައި ނުތަނަވަސްކަން އުފެދިފައިވާ ސަބަބެކެވެ.
ލޫލާގެ ފުރަތަމަ ރިޔާސީ ދައުރުގައި އޭނާ ވަނީ ބްރެޒީލްސް ޑިވެލޮޕްމަންޓް ބޭންކްގެ އެހީ ލެޓިން އެމެރިކާގެ ގިނަ ޑީކްޓޭޓަރުންނަށް ދީފަ އެވެ. އޭގެ ތެރޭގައި ކިއުބާގެ މާރިއެލް ޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް ދިން 1 ބިލިއަން ޑޮލަރު ހިމެނެ އެވެ. މި ފަހަރުގެ އިންތިޚާބުގެ ކެމްޕެއިންގައި ލޫލާގެ މައިގަނޑު އެއްވާހަކައަކަށް ވެފައި އޮތީ ރީޖަނަލް ކަރަންސީ އެއް ތައާރަފުކުރުމެވެ. މިކަމަކީ އެހެން ބައެއް ލީޑަރުން ވެސް ކުރައްވަން އުޅެ ނާކާމިޔާބުވެފައިވާ ކަމަކަށް ވިޔަސް ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި ޑިޖިޓަލް ކަރަންސީގެ މަޝްހޫރު ކަމާއި ޗައިނާގެ ބާރުއެޅުމާއެކު މިފަހަރު މިކަން ކާމިޔާބުވުން ކައިރި އެވެ. ކުރީގެ ލީޑަރުންނާ ޚިލާފަށް މި އަމަލަކީ ޔޫއެސް ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ކުރާ ކަމެއް ކަމުގައި ވިދާޅުވާން ލޫލާ ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ.
ތާރީޚަށް ބަލާއިރު ލޫލާއަކީ އެމެރިކާއާއެކު އޮންނަ ގުޅުމަށް ބުރޫ އެރުވުމެއް ނެތި ޗައިނާއާއި ރަޝިޔާ އާއި އީރާނާއެކު ގާތް ގުޅުން ބޭއްވުމުގެ ކުޅަދާނަކަން ލިބިފައިވާ ބޭފުޅެކެވެ.
ލޫލާ ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދެ ދައުރުގެ ތެރޭގައި ބްރެޒީލްގެ އިގުތިސާދުގައި ޗައިނާގެ ދައުރު ވަރަށް ބޮޑު ކުރައްވާފަ އެވެ. ގައުމުގެ އިގުތިސާދުގެ މުހިންމު އެތައް ދާއިރާއެއްގައި ޗައިނާއިން ވަނީ ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފަ އެވެ. އެމެރިކާގެ ފްރީޑޮމް ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ބޮޑެތި މީޑިއާތަކުގެ ހަތަރު އޮފީހެއް ބްރެޒީލުގައި ގާއިމުކޮށްފައިވެ އެވެ. މީގެ އިތުރުން އެމެރިކާއިން މައްސަލަ ބޮޑުކޮށްފައިވާ ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުނިކަމަށްވާ ވާވޭ ވެސް ދަނީ ބްރެޒީލްގައި ހަރަކާތްތެރިވަމުންނެވެ. ކުރީގެ ސަރުކާރުން ވާވޭއާއެކު ކުރިއަށް ގެންދަން ނިންމި 5ޖީ ގެ މަސައްކަތް ހުއަޓާލަން ވިސްނި ކަމުގައި ވިޔަސް ފަހުން އެ ޕްރޮޖެކްޓް ވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ބްރެޒިލަކީ ޗައިނާއާއި ރަޝިއާ އާއި އިންޑިއާ އާއި ސައުތު އެފްރިކާ ހިމެނޭ ވިޔަފާރި ބްލޮކެއްގެ އެއް މުއައްސިސެވެ. މި ޖަމާއަތުގައި އީރާން ބައިވެރިކުރުމަކީ މުސްތަގުބަލުގައި ވުން ގާތް ކަމެކެވެ. ބޭނުމަކީ އެ ގައުމުތަކުގެ އިގުތިސާދުގައި އެމެރިކާގެ ނުފޫޒުކުޑަކުރުމާއެކު އިގުތިސާދީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމެވެ.
އިގުތިސާދީ ގޮތުން ހަލުވިކޮށް ކުރިއަރަމުން އަންނަ ގައުމުތައް ގުޅިގެން އެއްބާރުލަމުން ގެންދިއުމަކީ ހުޅަނގާއި އެމެރިކާ އަށް ގަބޫލުކުރަން މާ ފަސޭހަ ކަމަކަށް ނުވެ އެވެ. ޚާއްސަކޮށް ޗައިނާ އާއި ރަޝިޔާ އާއެކު މިފަދަ ގައުމުތައް ގުޅުން ބޭއްވުމަކީ އެމެރިކާ އާއި ޔޫރަޕަށް ކެތްވާވަރުގެ ކަމަކަށް ނުވެ އެވެ.
އެހެންކަމުން ބްރެޒިލް ފަދަ ކުރިއަރަމުން އަންނަ އިގުތިސާދީ ބާރަކުން ޗައިނާއާއި ރަޝިޔާއާއެކު ގުޅުން ތަރައްގީކުރާ ކުރުމަކީ ބަލައިގަންނަން އެހާ ފަސޭހަކަމަކަށް ނުވެ އެވެ. އެ ގުޅުން ހުއްޓުވަން ކުރެވުނު ހުރިހާ ކަމެއް ކުރަން އެމެރިކާއާއި ހުޅަނގުން ދަނީ ރާވަމުންނެވެ.