އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ވޯޓު ދިނުމަށް އެމްޑީޕީން ނެރުނު ތްރީލައިން ވިޕާއި ހިލާފު މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު, ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ބަޖެޓް ފާސް ކުރަން ވޯޓް ދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އެމްޑީޕީގެ ހަތް މެމްބަރަކު ބަޖެޓަށް ވޯޓު ދެއްވާފައިނުވެ އެވެ.
އެ ހަތް މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް ވިދާޅުވީ ވިޕާ ހިލާފުވުމުން ފިޔަވަޅު އެޅުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް އަޅުއްވާނެ ފިޔަވަޅެއް އަސްލަމް ހާމަކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕް ގަވައިދު ބުނާ ގޮތުން ވިޕްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ފިޔަވަޅު އަޅަންޖެހިއްޖެނަމަ ނަސޭހަތްދިނުމާއެކު މާފަށް އެދެން އެންގިދާނެ އެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތަކާއި ޕާޓީއަށް ލިބޭ ދަތުރުތަކުގައި ނުދެވޭ ގޮތް ހެދިދާނެ އެވެ.
ހަތަރުވަނަ ފަހަރު ފިޔަވަޅު އަޅާއިރު ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކޮށް ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރަށް ސަސްޕެންޑް ކުރެވިދާނެ އެވެ. އަދި ފަސް ވަނަ ފަހަރު ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ވަކިކުރެވިދާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ
ފަހަކަށް އައިސް މަޖިލިހުގައި ބޭއްވޭ މުހިންމު ވޯޓުތަކުގައި ސަރުކާރުގެ ވިސްނުމާއި އެއްކޮޅަށް، މަޖިލިސް ރައިސް މުހައްމަދު ނަޝީދަށް ތާއިދުކުރާ މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޓީޖީއެސްޓީއާއި ޖިއެސްޓީ ބޮޑު ކުރާ ބިލަށްވެސް އެމްޑީޕީގެ ޕީޖީގެ 14 މެމްބަރުކު ވޯޓު ދެއްވާފއެއް ނުވެ އެވެ. އެ މެމްބަރުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅުއްވާނެކަމަށް ބުނެފައިވި ނަމަވެސް މިހާތަނަށް އައިރު އެ މެންބަރުންނާ ދެކޮޅަށް އެ ޕާޓީއިން އަޅާފައިވާ ފިޔަވަޅަކީ ކޮބައި ކަމެއް ނޭނގެ އެވެ.