ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުފާވެރި އާއިލާއެއް ބިނާކުރުމުގައި އޮތް ހުރަސްތައް ނައްތާލުމަށް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވާޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާހުކުރުމުގެ ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، އުފާވެރި އާއިލާއެއް ބިނާކޮށް މުޖުތަމަޢުގައި ހަމަޖެހުން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ. އަދި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި، 6 މަސްދުވަހުގެ މެޓާނިޓީ ލީވް މަންމައަށް އަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބައްޕައަށް ހަމަޖައްސައިދީ، އަދި މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ކުރިޔަށް އޮތްތަނުގައި، އަލަށް އިމާރާތްކުެރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ގާއިމުކުރެވޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

މިޖަލްސާގައި ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށެވެ. މިގޮތުން ނިމި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށައެޅިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކުދިންގެ އާއިލާތަކާއިއެކުގައި ކަމަށްވުމާއިއެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށެވެ. އެހެންކަމުން މައިންބަފައިންނާއި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި، މިކަމުގައި މުޅި މުޖުމަޢުގެ އެންމެން ބައިވެރިވުމަށް ގޮވާލެއްވި އެވެ.

ގެވެށިގުޅުން ކެންޕެއިން، ފަށާފައި ވަނީ، 15 ޖުލައި 2020ގަ އެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ޙަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ވަނީ ހިންގާފަ އެވެ