އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ވޯޓު ދިނުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މީކާއިލަށް ފާޑުކިޔުން އަމާޒުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި ހުންނެވުމަށް ފަހު، މިހާރު ފަޅި ބަދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާ މީކާއިލް ގުޅިވަޑައިގެންފި ކަމަށް ތުހުމަތުތަކާއެކު އެވެ.

މީގެ ކުރިން މީކާއިލް ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ކަންކަން ނިންމަވާ ކަމަށް ވިދާޅުވެ، މީގެ ކުރިން މީކާއީލް ވަނީ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވެސް ވޯޓު ދެއްވައިފަ އެވެ. އޭރު އޭނާ ވިދާޅުވީ ވިޕްލައިނާ ހިލާފަށް ވޯޓުދިން ސަބަބު އާންމު މެންބަރުންނަށް ސާފުވާނެ ކަމަށާއި އުންމީދު ކުރައްވަނީ ޕާޓީން ވަކިނުކުރައްވާނެ ކަމަށް ކަމަށެވެ.

އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެ ރައީސް ނަޝީދު ފެކްޝަނުގެ ހަތް މެންބަރަކު އިއްޔެ ބަޖެޓު ފާސްކުރަން ވޯޓު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް މީކާއީލް ވޯޓުދެއްވީ ބަޖެޓު ފާސްކުރުމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެ މީކާއީލް މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައިވާ ވީޑިއޯ ކްލިޕެއް ހިއްސާ ކުރައްވައި އިސްމާއީލް ޒަރިޔަންދު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދު މީކާއީލްގެ ''ބަސްމަގު ބަދަލުވެ, ހަރަކާތުގެ އަމާޒު އޮޅުނީ'' އާއިލާ ބޭފުޅަކަށް ވަޒީފާއެއް ލިބިގެންތޯ އައްސަވައިފަ އެވެ.

ތުހުމަތުތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށެވެ. އަދި މިއަދާ ހަމައަށް އާއިލާގެ އެއްވެސް މީހަކަށް ހޯދައި ދިން އެއްވެސް ސިޔާސީ މަގާމެއް ނޯނާނެ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް އޭނާ ގަބޫލުކުރާ އުސޫލު ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މީކާއީލް ސަރުކާރަށް ފާޑުކިޔުން ހުއްޓާލާ، ނަޝީދުގެ ފެކްޝަން ދޫކޮށްލީ އޭނާގެ އަނބިކަނބަލުންނަށް ރައީސް އޮފީހުން ވަޒީފާއެއް ލިބުނު ފަހުންނެވެ.

ރައީސް ނަޝީދަށް ތާއިދު ކުރާ މަޖިލީހުގެ މެންބަރުންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރަށް މަދުވެފަ އެވެ.