އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމައި ކެމްޕެއިނު ލޯންޗުކުރުން ގދ.ތިނަދޫގައި ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ޕްރައިމަރީގައި ވާދަކުރަން މިހާރު ނިންމާފައިވާ ކަމަށާއި އެކަމަށް ހާއްސަ ގުރޫޕެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ޕްރައިމަރީ ކެމްޕޭން ލޯންޗުކުރުން އަންނަ ހުކުރު ދުވަހު ގދ. ތިނަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަންނި ޕްރައިމަރީ" ގެ ނަމުގައި ހެދި އެ ގުރޫޕަށް ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ގުޅެމުންނެވެ.

އެ ވަޓްސްއެޕް ގުރޫޕްގެ ސްކްރީން ޝޮޓެއް ވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ވަޓްސްއެޕް ގުރޫޕްގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝާހިދު (ސާބެ) އެ ގުރޫޕުގައި ވިދާޅުވީ، އެއީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމްޑީޕީގެ 94،000 މެމްބަަރުންގެ ތެރެއިން އެންމެ ފަހުގެ ކޮންގްރެސްގެ ފަހުން ކަނޑާލާފައިވާ "36،000 އެމްޑީޕީ ހާޑްކޯ" މެމްބަރުންގެ ވޯޓު ޔަގީންކޮށް، އެ މީހުން އަލުން މެމްބަރުންނަށް ހެދުމެވެ.

އެމްޑީޕީގެ ތެރޭގައި ނަޝީދަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއިދުކުރައްވާ މެމްބަރުންގެ މެދުގައި ވަނީ ފެކްޝަން އުފެދި ޕާޓީގެ އެތެރޭގެ ހޫނުވެފަ އެވެ. ނަޝީދު ވަނީ މީގެ ކުރިން ވެސް ރައީސް ސޯލިހުއަށް ތާއިދު ނުކުރައްވާނެ ކަމަށާއި ޕްރައިމަރީގައި ވާދަކުރާނެކަން ހާމަކުރައްވައިފަ އެވެ.