ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން ރައީސް އިބްރާޙިމް މުހައްމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ރައީސް ސޯލިހު މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
"ކިހިނެތް" ކެމްޕެއިން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކު ވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށް ކަމަށެވެ. އަދި ނަފްސާނީ ޙާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
އެގޮތުން މިއަދު އިފްތިތާހު ކުރެވުނު ކެމްޕެއިނަކީ ވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މި ކެމްޕެއިނުގެ އިތުރުން ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.
ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި ހިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި ވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިން ވެސް ކުރެވިދާނެ ބައެއްކަންކަން ހުރިކަން ފާހަގަކުރެއްވި އެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާޢި ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ގައުމެއްގެ ކުރިއެރުމަކީ ރައްޔިތުންގެ ކުރިއެރުން. ތަރައްޤީއަށް ކުރާ މަސައްކަތުން ނަތީޖާ ހާސިލުކުރެވެނީ، ތަރައްގީގެ މައި އިންޖީނުގައި ހަކަތައާއި ބުންވަރު ހުރެގެން. އެކަމަށް ބޭނުންވާ ހިތްވަރާއި ފަންވަރު ރައްޔިތުންގެ ކިބައިގައި އުފެދެނީ، ކޮންމެ ފަރުދަކަށްވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރު ވެސް ދެނީ އެންމެ ފަރުދަކު ވެސް ބާކީނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ތެރެއިންވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ސިޔާސަތެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. ރާއްޖޭގައި ނަފްސާނީ ފަރުވާދޭ މަރުކަޒެއް، ފުރަތަމަ ފަހަރަށް ގައިމުކުރީ މި ސަރުކާރުން. އެއީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މާރިޗު 2019 ގައި ހުޅުވި ސެންޓަ ފޮ މެންޓަލް ހެލްތު،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި އެ ސެންޓަރު ހުޅުވި ފަހުން އެ ޚިދުމަތް މިހާރު ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކޮށް، މިހާރު ވަނީ ޚިދުމަތް ދޭން ފެށިފައި ކަމަށާއި އެ ޚިދުމަތް ދެނީ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް، އާސަންދައިގެ ދަށުން ކުރެވޭގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަފްސާނީ ވޭންތައް ތަޙައްމަލުކުރަމުންދާ މީހުންނާއި ކުދިން އަދި ޒުވާނުން ވެސް ރާއްޖޭގައި ވަރަށް ގިނަ. އެފަދަ ވޭނުގައި އުޅޭ މީހުންނާއި ކުދިންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް. އެހެންނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ނޫން. އަދި އަމުދުން ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޒަމާނުއްސުރެ މިކަމަށް އަޅައިނުލެވި، މެދުވެރިވެފައި އޮތް މައްސަލަތައް ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ނަފްސާނީ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން ކުޑަވުން ކަމަށާއި ނަފްސާނީ މައްސަލައެއް ފާހަގަވުމުން، އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ހޯދަނީ ސައިކޮލޮޖިސްޓެއް، ކައުންސެލަރެއް، ނޫނީވިއްޔާ ތެރަޕިސްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަމަވެސް، އެއަށްވުރެ މާ ކައިރިން، އެކަމަށް ފިޔަވަޅު އެޅެން އެބަހުރި. ޢާއިލާއާއި ރައްޓެހިންނަކީ އެންމެ ގާތުން އަދި އެންމެ އަވަހަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ މީހުން. އަދި މިފަދަ ކަންކަމުގައި އެހީތެރިވެދޭ އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތައް ނުވަތަ ސަޕޯޓް ގްރޫޕްތަކުގެ އެހީތެރިކަން ވެސް ހޯދިދާނެ. މި ގައުމީ ކެމްޕެއިންގައި ބާރުއަޅާ އެންމެ މުހިންމު އެއް ކަމަކީ މިއީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ކެމްޕެއިންގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި މި ކެމްޕެއިން ކުރިއަށްދާއިރު، ނަފްސާނީ ފަރުވާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި ނަފްސާނީ ފަރުވާގެ އިންތިޒާމުތައް މިހާރު ވާނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ނަފްސާނީ ފަރުވާ ތަޢާރަފްކޮށް، ތެރަޕީއާއި ކައުންސިލްގެ ޚިދުމަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ރަށު ފެންވަރުގައި މި ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން އެ ޚިދުމަތް ދިނުމަށްވެސް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ކުރުމަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި ފަރުދީ ގޮތުންނާއި، އިޖުތިމާޢީ ފެންވަރުގައި ކުރެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ކުރެވޭނެ ކަންކަން ވެސް އެބަހުރި ކަމަށާއި ސަރުކާރުގެ އެކި އިދާރާތަކުގެ ތެރެއިން އިޖުތިމާއީ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމަށް ފޯރުކޮށްދެވޭ ޙައްލުތަކެއް ވެސް އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިއަދު އިފްތިތާހު ކުރި "ކިހިނެތް" ކެމްޕެއިނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކާމެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިޔަށްގެންދެވޭ ކެމްޕޭނެކެވެ.
މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެކެވެ. އަދި މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެކެވެ.