ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ހާއްސަ ކޮށްގެން ގެނައި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ހިދުމަތުގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.

މި ކުއްތާތަކަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށް ފުލުހުން ހާމަކުރެ އެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏއވެ..

މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި މި ކުއްތާތައް، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޓެރަރިޒަމް އޮޕަރޭޝަނުގަ އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކުއްތާ ބޭނުންކުރަނީ..

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައިވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކުރަމުންގެންދެ އެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާ އެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވެ އެވެ.