ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ފެންނަނީ ކެޝުއަލް ޓީ ޝާޓެއް ތުރުކުރައްވައިގެން އާސްކް ސްޕީކާ ޕްރޮގްރާމަށް ސުވާލު ފޮނުވުމަށް ރައްޔިތުންނަށް ދައުވަތު ދެއްވާ ތަނެވެ.
ދައުލަތުގެ މީޑިއާ އާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގެނެސްދޭ މި ޕްރޮގްރާމާ ބެހޭ ގޮތުން ޕްރޮގްރާމް ހުށަހެޅުންތެރިޔާ ޒިޔާއު ވިދާޅުވީ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތާ ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން އާންމުން ކުރާ ސުވާލު ތަކަށް ޖަވާބު ދިނުމަށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ. މިހާތަނަށް އެ ޕްރޮގްރާމަށް ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާފައި ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިމަހުގެ އެއްވަނަ ދުވަހު އޮތް އާސްކް ސްޕީކާގެ ހަވަނަ އެޕިސޯޑަށް ވެސް އުފާވެރި މޫނަކާއެކު ރައީސް ނަޝީދު ވަޑައިގެންނެވީ ޕްރޮގްރާމް ހުށަހެޅުންތެރިޔާ ޒިޔާއާ އެކު އެވެ. ޕްރޮގްރާމްގެ ކުޑަ ތައާރަފަކަށް ފަހު އިތުރު ވަގުތެއް ނަގާލުމެއް ނެތި އާންމުންގެ ސުވާލުތަކަށް ދިޔަ އެވެ. ފުރަތަމަ ސުވާލަކީ މަޖިލީހަށް އާންމު ރައްޔިތަކު ފޮނުވާފައި އޮތް ސިޓީއެއްގެ ޖަވާބު ނުލިބި ވާނުވާ ނޭނގިގެން ހުށަހަޅާފައި އޮތް ޝަކުވާއެކެވެ.
މަޖިލީހުގެ އާންމު އުސޫލެއްގެ ގޮތުން އެފަދަ ސިޓީތަކަށް ޖަވާބު ދިނުމަކީ އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވުމަށްފަހު ވެސް އެ ސިޓީއާ މެދު ކަންތައް ހިނގާފައިވާގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވި އެވެ.
އެ ސިޓީއަކީ ސަރުކާރުގެ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތަކާ ބެހޭ ސިޓީއަކަށް ވާތީ އެ މުއާމަލާތް ހިނގާފައިވާ ގޮތް ސާފުކުރުމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން އެދުމުން ލިބިފައިވާ ޖަވާބަކީ އެކަށޭނަ ޖަވާބަކަށް ނުވާތީ ދެފަހަރެއްގެ މަތިން ވެސް އެ މައްސަލަ އިތުރަށް ސާފުކުރަން އެދިފައިވާ ވާހަކަ ވިދާޅުވި އެވެ. މައިގަނޑު ގޮތެއްގައި ޖަވާބުގެ ޚުލާސާއަކީ ސަރުކާރުން ރައްޔިތުންނާ ބެހޭ ކަންތަކުގައި އިހުމާލުވާކަމާއި މަޖިލީހަށް ވެސް އެއްބާރުލުން ނުދޭކަމެވެ.
މަޖިލީހަށް ފޮނުވި ސިޓީއާ ބެހޭ ސުވާލަށްފަހު މަޖިލީހުގެ މެންބަރުން އިދާރީ މުވައްޒަފުންނަށް އިހާނެތިކޮށް ކަންތައްކުރާ މައްސަލަ ފަދަ ދެތިން ސުވާލެއް މަޖިލީހާ ބެހޭ ގޮތުން ކުރެވުނެވެ. އެއަށްފަހު އޮތީ ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގެންނެވުމާ ބެހޭ ސުވާލެކެވެ.
އެ ސުވާލަށް ރައީސް ނަޝީދު ޖަވާބު ދެއްވެވީ ވަރަށް ފޯރިއާ އެކު އެވެ. ދުރާލާ ތައްޔާރުވެގެން ގެންނަވާފައި ހުރި ރިސޯސް ވެސް ބޭނުންކުރައްވައިގެން އެމަނިކުފާނު ވަނީ ސަރުކާރުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި އެކަން ސާބިތުކޮށް ދެއްވަން ވަރަށް ގިނަ ހެކި ދައްކަވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯގައި ދައުރު ނިމުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ވޯޓަކަށް އަހަން ލިޔެފައި އެބަ އޮތެވެ. އެ މަނިކުފާނުގެ އެ ވިދާޅުވި ވިދާޅުވުމަށް ހެކި ދައްކަވަމުން އެމްޑީޕީގެ މެނިފެސްޓޯ ދައްކަވާލެއްވި އެވެ. އެއަށް ފަހު އެމްޑީޕީއާ ގުޅިގެން ވެރިކަމަށް އައުމަށް ކޯލިޝަން ހެދި ޕާޓީތަކުން އެއްބަސްވެފައި އޮތް އެއްބަސްވުމުގެ ކޮޕީއެއް ވެސް އެ މަނިކުފާނު ދައްކަވާލެއްވި އެވެ. އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން އެއްބަސްވުމުގައި ހިމަނާފައި ހުރި ވާހަކަތަކުގެ ކޯޓޭޝަން ކިޔައިދެއްވައި، ކުޅަދާނަ ވަކީލަކު ކޯޓުގައި ހެކި ދައްކަވާ ބީދައިން އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ނިޒާމީ ވޯޓު ސަރުކާރުން ނަގަން ޖެހޭކަން ސާބިތުކޮށް ދެއްވަން މަސައްކަތް ކުރެއްވި އެވެ.
އެ ހިސާބުން މުޅިން ވެސް ދެކެވެމުން ދިޔައީ އެމްޑީޕީގެ ވާހަކަ އާއި އެ މަނިކުފަނުގެ ސިޔާސީ ކެރިއަރުގެ ވާހަކަ އެވެ. އެ ވާހަކަތަކުގެ މެދަކާ ހިސާބުން އަމާޒުވި ސުވާލަކީ އެމަނިކުފާނުގެ އެއްވެސް ޚިޔާނަތެއް ނުވަތަ ކޮރަޕްޝަން ގެ އަމަލެއް އޮވެދާނެތޯ ކުރެވުނު ސުވާލެކެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ސަރުކާރުގެ ލޯލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިންމާލައްވަން ބޭނުންފުޅު ވެވަޑައިގަންނަވަނީ ވެސް ޚިޔާނަތުގެ އެއްވެސް އަމަލެއް ނުކުރައްވައި ކަމަށް ވިދާޅުވި އެވެ.
އެ ހިސާބުން ޕްރޮގްރާމް ހުށަހެޅުންތެރިޔާ އެނބުރި ވަޑައިގެންނެވީ އޯޑިއަންސްގެ ސުވާލެއް އޮތްތޯ ބެއްލެވުމަށެވެ. ދެފަހަރަކު އުޅުއްވައިގެން ވެސް އޯޑިއަންސުން ސުވާލުކުރާނެ މީހަކު ނުވި އެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ސަރުކާރުގެ މީޑިޔާތައް މެދުވެރިކޮށް ދައްކަމުން ގެންދަ ޕްރޮގްރާމެއްގައި އަމިއްލަފުޅު ސިޔާސީ ހަރަކާތްތަކުގެ ވާހަކަފުޅު ދައްކަވަނީ ކީއްވެގެންތޯ ސުވާލު ކޮށްލާނެ މީހަކު އެތަނުގައި ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޒިންމާއަކީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި މަޖިލީހުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުން ކަމަށްވާއިރު އެ މަޖިލީހުގެ ނަމުގައި އެ މަޖިލީހުގެ ވަސީލަތްތަށް ބޭނުންކުރައްވައިގެން އަމިއްލަ ޕާޓީ އާއި އަމިއްލަ ސިޔާސީ ހަޔާތް ޕްރޮމޯޓު ތިޔަ ކުރައްވަނީ ކީއްވެގެންތޯ އަހާލާނެ މީހަކު ވެސް ނެތެވެ. ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ކަރަޕްޝަނާއި އޮޅުވައިލުމާއި މަކަރާ ޚިޔާނާތުގެ ގޮޅިތަކަށް ފެތޭ ކަމަކަށް ނުވާނެތޯ އަހާލާނެ މީހަކު ވެސް ނުވި އެވެ. ހިތްގައިމު މިއުޒިކް ކޮޅަކާއި ރީތި ސެޓަޕަކާ އެކު ރާއްޖޭގެ ފެންވަރުން ފުރިހަމަ ހުށަހެޅުމަކާއެކު ގެނެސްދޭ "އާސްކް ސްޕީކާ" ޕްރޮގްރާމަކީ އެ ހުރިހާ ގޮޅިއަކަށް ރީތިކޮށް ފެތޭ ޕްރޮގްރާމެކެވެ. ނެތީ އެ ވާހަކަ ދައްކާނެ ބައެކެވެ.