ދިވެހިރާއްޖެއަކީ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ހަމަޖެހިއްޖެ އެވެ.

އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި އެ ޖަމުއިއްޔާގެ މެމްބަރު ހުރިހާ ގައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފަ އެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުން އަދި ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޝާހިދު އެވެ.

އޯއޭސީޕީއެސްގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ތާއީދު ލިބުމާ އެކު، އޯއޭސީޕީއެސް.ގެ މެމްބަރު ޤައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން، ސަމިޓްގެ ހަވާސާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޝާހިދު ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފަ އެވެ.

އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގަމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ. އަދި 2022 މާރިޗު 23 ގައި ވަނީ އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައެވެ. އޯއޭސީޕީއެސް އިން 2022 ޖޫންގައި އެ ޖަމުޢިއްޔާގެ "އޮބްޒާވަ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފަ އެވެ.