ދޯހާ (ޑިސެމްބަރު 18) - ގަތަރުގެ ދޯހާގައި މިރޭ ރާއްޖޭ ގަޑިން 8 ޖަހާއިރު ކުޅޭ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ސަމާލުކަން ބޮޑަށް ހުއްޓިފައި ވަނީ އާޖެންޓީނާ އާއި ފްރާންސަށް ވުރެ ބޮޑަށް އެ ޓީމަށް ކުޅޭ ދުނިޔޭގެ ފެންވަރުގެ ދެ ހުނަރުވެރި ތަރިންނަށެވެ.

އެއީ ދެ ޓީމުގެ ވެސް 10 ނަމްބަރު ޖޯޒީއަށެވެ. އެއް ބަޔަކު ސިފަކުރާ ގޮތުގައި މިއީ ފްރާންސްގެ ޕެރިސް އެންޑް ޖާމަން (ޕީއެސްޖީ) ގެ ދެ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭގެ ކުރިމަތިލުމެކެވެ. މުބާރާތުގެ ރަން ބޫޓު ހޯދުން ވެސް ވަނީ ދެ ކުޅުންތެރިންނަށް ފަހިވެފަ އެވެ.

އެއް ކުޅުންތެރިއެއްގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ކެރިއަރު ނިމެންދާއިރު އަނެއް ކުޅުންތެރިޔާގެ ފުޓުބޯޅައިގެ ހަޔާތް އަދި ކިރިޔާ މެދުއުޑުޖެހުނީ އެވެ. އުމުރުން 35 އަހަރުގައި އާޖެންޓީނާގެ ޓީމާ އެކު ދެން ވޯލްޑް ކަޕެއްގައި މެސީ ފެނިދާނެކަމާ މެދު ސުވާލު އުފެދިފައިވާ އިރު 23 އަހަރުގެ އެމްބާޕޭ އަށް އަދި އެ ފުރުސަތު އޮތީ ތަނަވަސްކޮށެވެ. ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަން ގަތަރު ވޯލްޑް ކަޕުން މެސީ ސާބިތުކޮށްދިން އިރު މިއީ ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑް ކަޕް އުފުލާލަން މެސީ އަށް ލިބޭނެ ރަނުގެ ފަހު ފުރުސަތެވެ. ދުނިޔޭގައި އުފެދުނު އާދަޔާޚިލާފު މޮޅު ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާގެ ފުޓުބޯޅަ ކެރިއަރު ނިންމާލީ އެ މީހުންގެ ކެޕްޓަންކަމުގެ ދަށުގައި ދުނިޔޭގެ ފުޓުބޯޅަ ތަށި އެ މީހުންގެ ގައުމަށް ހޯދައިދީފަ އެވެ. މެސީގެ ތަށި ހަރުގަނޑުން މަދުވާ ހަމައެކަނި ތަށި ހޯދަން އޭނާ މިރޭ އޭނާ ކަށިން ހިތްވަރު ނެރޭނެ އެވެ.

އެންމެ ފަހު ވޯލްޑް ކަޕް، 2018 ފްރާންސް ކާމިޔާބު ކުރިއިރު އެމްބާޕޭގެ ފުޓުބޯޅަ ތަރި އަރަނީ އެވެ.

ފުޓުބޯޅައިގެ ގިނަ ތަޖްރިބާކާރުން ބުރަވާ ގޮތުގައި މިރޭ ކޮންމެ ޓީމެއް ތަށި ނެގި ނަމަވެސް އެ ކާމިޔާބީއެއް ބިނާވާނީ މެސީ ނުވަތަ އެމްބާޕޭ ޓީމުގައި ދައްކާ ކުޅުމަކަށެވެ. މިއީ އާޖެންޓީނާތޯ ނުވަތަ ފްރާންސްގެ ފަހަރުތޯ ކަނޑައަޅާނީ މި ދެ ކުޅުންތެރިން ދަނޑުމަތީގައި މިރޭ ދައްކާ ކުޅުމުން ކަމަށް ފުޓުބޯޅައިގެ ސަޕޯޓަރުން ވެސް ގަބޫލްކުރެ އެވެ.