މާލޭގެ މަގުތަކާއި އާއްމު ތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތެއްގެ އެއްބާރުލުން ދިނުމަށް އެދި މާލޭގައި އާންމުކޮށް ކުނި އަޅާ ތަންތަނުގެ ލިސްޓެއް މާލެ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އާންމުކޮށް ކުނި އަޅާފައި ހުންނަކަމަށް ފާހަގަވާ 18 ސަރަހައްދެއްގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި ކުނި އަޅާތަން ފެނިއްޖެ ނަމަ، ސިޓީ ކައުންސިލްގެ ހޮޓްލައިން 1622 އަށް ރިޕޯޓް ކުރުމަށް ވެސް ސިޓީ ކައުންސލްގެ އިއުލާނުގައި ވަނީ އެދިފަ އެވެ.

"ކައުންސިލްގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށްދެއްވައި މީގެން އެއްވެސް ތަނެއްގައި ކުނި ނުބެހެއްޓެވުން.އަދި މީގެން އެއްވެސް ތަނެއްގައި ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ ނަސޭހަތްތެރިވެ އެކަން ހުއްޓުވުން،" ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ސިޓީ ކައުންސިލްގެ އެ އިއުލާނުގައި އާންމުކޮށް ކުނި އަޅާތަންތަން ކަމަށް ބުނެފައި ވަނީ:

  1. ގަލޮޅު، ބަނަފްސާ މަގު، ގ. ފަހިވާގެ ރޯޒުމޯޑު ކުރިމަތި
  2. ހެންވޭރު، ކަރަންކާމަގު އަބަދަށްފެހިމަގު ކަންމަތި
  3. ހެންވޭރު، އަބަދަށް ފެހި މަގު، ހުޅުދޫގެ ކައިރި
  4. ގަލޮޅު، މިޔަލަނި ގޯޅި
  5. މާފަންނު، ސަބުދެލި މަހު، ސަތަރު ގޯލި ކަންމަތި
  6. މައްޗަންގޯޅި ސަހަރާކައިރި
  7. މައްޗަންގޯޅި، ނިކަގަސްމަގު، ކުރިކީލިމަގު ކަންމަތި
  8. މައްޗަންގޯޅި، ހިތިލާގެ، ރެޑްމީކައިރި
  9. މާފަންނު، އަލިރަސްގެފާނު ޒިޔާރަތްކައިރި
  10. މާފަންނު މައްޗަންގޯޅި ގަލޮޅު، އަމިނީމަގު ކޮޅު ބެދިފަ ހުންނަ ގޯޅިތައް
  11. ގަލޮޅު، ފާށަނާކިލޭގެމަގު، ދާދަރާގޯޅި
  12. ގަލޮޅު، ރާދަފަތިހިނގުން، ހ. ބީޗްނެސްޓް ކައިރި
  13. ހެންވޭރު، އެވަޗާންސްގޯޅިގަނޑު ތެރެ
  14. މައްޗަންގޯޅި، ބޮޑުފުޅައްގޯޅި
  15. ގަލޮޅު ސަހަރާމަގު، ގ. ސެންޓްގެކައިރި
  16. މާފަންނު، ޖަންބުމަގު
  17. ހެންވޭރު ސަހަރާ، ފޫޅުމާގެކައިރި
  18. ހެންވޭރު، ވައިޖެހޭމަހު އުތުރުން މަޖީދީމަގު ކަންމަތި

މާލޭ ސިޓީ ކައުންސިލުން މީޑިއާތަކަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕަށް މިކަމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކޮށް މި ސަރަހައްދުތަކުގައި ކުނި ނުބަހައްޓައި އަދި ކުނި ބަހައްޓާފަރާތެއް ފެނިއްޖެނަމަ ނަސޭހަތް ދިނުމުން މައްސަލަ ހައްލުނުވެއްޖެނަމަ، މުއިއްޒުއަށް ނުވަތަ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް ފޮޓޯއާއިއެކު ހިއްސާކުރުމަށް އެދިލައްވާ ކަމަށެވެ.

މުއިއްޒު ވަނީ މާލެ ޒީނަތްތެރިކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރާކަމެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ.

މާލެ ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު ހަމަވެފައިވުމާއެކު އެ އެއްބަސްވުން އައު ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. މިއާއެކު މާލެ ސިޓީ ކައުންސިލުން ވަނީ މާލެއާއި ވިލިމާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލުން ކުރަން ފަށާފަ އެވެ.