އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން ވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ގެންދިޔައީ ރައީސް ސޯލިހަށް އަމާޒުކޮށް އެތައް ފާޑުކިޔުމަކާއި ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުން. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރައީސް ސޯލިހު މީގެ ކުރިން "ރިއެކްޓް" ކުރައްވައިފައެއް ނުވޭ. ނަމަވެސް ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ބައިވެރިވެވަޑައިގެންނެވީ ފުރަތަމަ ޖަލްސާގައި ވަނީ ނަޝީދުގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކާއި އަސްލެއް ނެތް ވާހަކަތަކަށް ވަރަށް ކެރިވަޑައިގެން ހުންނަވައި ރައީސް ރައްދުދެއްވާފައި.

އެމްޑީޕީގެ ސަރުކާރު 2018 ވަނަ އަހަރު ގާއިމްކުރި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެނުނީ ވަރަށް ގާތް އެކުވެރި ދެ ބޭފުޅުންގެ ގޮތުގަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ކުޑައިރުއްސުރެ އޮތް ރަހުމަތްތެރިކަން އިތުރަށް ބަދަހިވީ އެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ފަހު ރައީސް ނަޝީދަށް މަޖިލީހުގެ ރިޔާސަތު ލިބިވަޑައިގަތުމާ އެކު މަންޒަރަށް ބަދަލު އަންނަން ފެށި އެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ސަރުކާރަށް ޑިމާންޑްތައް ކުރަމުން ގެންދިޔަ އެވެ. މައިގަނޑު ހުށަހެޅުމަކީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކޮށް އެމަނިކުފާނަށް ބޮޑުވަޒީރުކަން ލިބޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމެވެ. ނަމަވެސް ރައީސް ސޯލިހުގެ ޖަވާބަކަށްވީ ނިޒާމު ބަދަލު ކުރުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފެންނަ/ ނުފެންނަ ވޯޓަކުން ނިންމަން ޖެހޭ ކަމެއް ކަމަށެވެ. މި ޖަވާބު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަކަށް ކަމަކު ނުދިޔަ އެވެ. އެހެންމެ ފަހުން 2021 ވަނަ އަހަރުގެ ތެރޭގައި ނަޝީދު ވަނީ ބޮޑުވަޒީރަކަށްވާން ބޭނުންފުޅުވާ ކަމާއި ހަވާސާގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް މެސެޖެއް ކުރައްވައިފަ އެވެ. މި ހުރިހާ ޑިމާންޑަކަށް ވެސް ރައީސް ސޯލިހު ތަކުރާރު ކުރެއްވީ އެއް ޖަވާބެކެވެ.

"ބަރުލަމާނީއެއްގެ އުދާސްގަނޑު ބޮޑުވެ އެންމެ ފަހުން ނަޝީދުގެ ފަރާތްޕުޅުން ސަރުކާރަށް ފާޅުގައި ފާޑުކިޔައި، ސަރުކާރުން ހުށަހަޅާ ކަންކަމަށް މަޖިލިސް ތެރޭން ދަތިތައް ކުރަން ފެށި އެވެ. ރައީސްގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ އެތައް ވާހަކައެއް ނަޝީދު ވަނީ ދައްކަވައިފަ އެވެ. ސަރުކާރާ މެދު ރައްޔިތުންގެ ނުތަނަސްވަން އުފެދޭ ކިތަންމެ ވާހަކައެއްގެ އަޑު ވަނީ އިއްވައިފަ އެވެ. މި ހުރިހާ ވާހަކައަކާއި ޖެއްސުމެއް ކުރަމުންދިޔަ އިރު ވެސް ރައީސް ސޯލިހު "ރިއެކްޓެއް" ނުކުރައްވަ އެވެ. އެމަނިކުފާން ދެއްވަނީ މަސްލަހަތު ހުރި ޖަވާބުތަކެވެ.

އެހެން ނަމަވެސް ރެއަކީ ތަފާތު ރެއެކެވެ. ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ދެއްކިހާ ވާހަކަތަކަށް ރައީސް ސޯލިހު ވަނީ ވަރަށް ކެރި ހުންނަވައި ފާޅުގައި ރައްދު ދެއްވައިފަ އެވެ. ސީދާކޮށް އަދި ނުސީދާކޮށް ވެސް މީގެ ކުރިން ދުވަހަކު ވެސް ނަޝީދަށް، ރައީސް ސޯލިހު ރައްދު ދެއްވައިފައެއް ނުވެ އެވެ. ބޮޑުވަރަކަށް ވެސް، މިދިޔަ ހަފުތާގެ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ނަޝީދާއި އެމަނިކުފާނާ ދެމެދު އޮތް މައްސަލައެއް ކަމަށް ބެލެވެނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުން ކަމަށެވެ.

މި މަހު 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވަން ނުކުމެ ހުންނެވި ރައީސް ސޯލިހުގެ ފުރަތަމަ ކެމްޕޭން ޖަލްސާގައި ވަނީ ސަރުކާރަށް އަމާޒުވާ ހުރިހާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، ޕްރައިމަރީގައި ވާދަކުރައްވާ ސަބަބު ވަރަށް ތަފްސީލްކޮށް ސާފުކޮށްދެއްވައިވަ އެވެ.

އާޓްފިޝަލް ބީޗުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި "އިބޫ 2023 ކުރިއަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ޕްރައިމަރީގައި ވާދަކުރައްވާ ސަބަބު ވިދާޅުވެ ދެއްވައިފަ އެވެ. އެމަނިިކުފާން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަނީ ޕާޓީއާ އެކު ކުރިއަށްދާން ކަމަށެވެ. ދެން ވިދާޅުވީ އެމަނިކުފާން ނުކުމެ މި ހުންނެވީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު، ކުރިއަށް އޮތް "ފަސް އަހަރަށް" އިންތިޚާބު ކުރާ ސަރުކާރު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.

"އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ވެސް ނޫން. ފަސް އަހަރަށް،" އަތްޕުޅުގެ އިނގިލިތަކުން ފަހެއް ދައްކާލައްވަމުން ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. --ފޮޓޯ: އިބޫ 2023 ކެމްޕޭން

މިއީ 2008 ވަނަ އަހަރު ގާއިމްކުރި އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ދެ އަހަރާ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވި، ދެއްވުމަށް އިޝާރާތްކުރައްވައި ރައީސް ދެއްވި މެސެޖެކެވެ.

އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ވެސް ނޫން. ފަސް އަހަރަށް ވެރިކަންކޮށްދޭން އަޅުގަނޑު ނުކުމެ މިހުރީ،
ރައީސް ސޯލިހު

ރައީސް ވިދާޅުވީ އިންތިޚާބަށް އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ތަޖުރިބާތަކާކާ އެކުގައި ކަމަށެވެ. ރައްޔިތުންގެ ވޯޓުން ހަ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ ފަސް އަހަރުގެ ދައުރުގެ ފަސް އިންތިޚާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ.

"ރިޔާސީ އިންތިޚާބުގެ ފޯމިއުލާ، ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު،" ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ. "ޕްރައިމަރީއަކަށް ނުކުމެ ތިބޭއިރު، ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޕާޓީން ހޮވާ ކެންޑިޑޭޓު ވާން ޖެހޭނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެވަރުގެ ކެންޑިޑޭޓަކަށެވެ. ނަޝީދާ އެކު ގިނަ ޕާޓީ އެކުލެވޭ ސަރުކާރެއް ކުރިއަށް ނުގެންދެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް ރައީސް ދެއްވި އެވެ.

ރައީސް ދެން އަލިއަޅުވާލެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް އެމަނިކުފާނަށް ހަވާލުކުރި ދުވަހު ދެއްކެވި ވާހަކަފުޅަށެވެ. ރަހުމަތްތެރިއެއްގެ ފަރާތުން ލިބުނު މެސެޖަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެންމެ ފަރާތެއް ފިޔަވައި، އެއްވެސް މީހެއްގެ އަޅަކަށް އެމަނިކުފާނު ނުވާނެ ކަމަށެވެ.

މަޝްވަރާ ދެއްވަންވީ، ވާހަކަ ދައްކަންވީ. އެކަމަކު އަޅުގަނޑު ކަންކަން ނިންމާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް،" ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ކުރައްވާ ޑިމާންޑްތަކަށް ދެއްވި ރައްދެއް ކަމަށް ބެލެވޭ މޭރުމަކުން ރައީސް ވިދާޅުވި އެވެ.

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ އާދަޔާޚިލާފު ކޮންގްރެސްގެ ހަނދާންތައް އާކުރައްވަމުން ރައީސް ވަނީ ޓީޗަރަކު އެމަނިކުފާނަށް ވިދާޅުވި ބަސްފުޅެއްގެ މަތިން ވެސް ހަނދުމަ އާކުރައްވައިފަ އެވެ. ޓީޗަރާ ހަވާލާދެއްވައި ރައީސް ވިދާޅުވީ ގުޑް ލިސިނާސް، (ރަނގަޅަށް އަޑުއަހާ މީހުން) ދުނިޔޭގައި ވަރަށް މަދުވާނެ ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ އޭގެ މީހެއްގެ ގޮތުގައި ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ ދައުރުގައި ވެސް އެމަނިކުފާނު ދޫކޮށްނުލާނެ ދެކަމެއް ވިދާޅުވެ ދެއްވި އެވެ. އެއް ކަމަކަށް މީހުންގެ އަޑު އަހާނެ ކަމަށާއި އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށާ އަދި ކަންކަން ނިންމާނީ އެންމެންގެ އަޑުއަހައިގެން މަޝްވަރާގެ މަތިން ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ މެދުގައި ކަނދުފައްޗެއް އަޅާފައި އެއިން އައިސް ދޭށޭ، ފެން ދޭށޭ ބުންޏަކަސް އެއީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަޑުއެހިއަސް، ނޭހިއަސް އެކަމެއް އަޅުގަނޑެއް ނުކުރާނަން،
ރައީސް ސޯލިހު

"އަޅުގަނޑު ކަންކަން ނިންމަނީ ކެބިނެޓާއި ޕާޓީ އާއި މަޖިލީހުގެ މެންބަރުންނާއި އެންމެންގެ އަޑު އަހައިގެން. އެންމެންނަށް ފައިދާވާ ގޮތަށް. އިންޑިއާ ކަނޑުގެ މެދުގައި ކަނދުފައްޗެއް އަޅާފައި އެއިން އައިސް ދޭށޭ، ފެން ދޭށޭ ބުންޏަކަސް އެއީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަޑުއެހިއަސް، ނޭހިއަސް އެކަމެއް އަޅުގަނޑެއް ނުކުރާނަން،" އަނެއްކާވެސް ނަޝީދަށް ދެއްވި ރައްދެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ދެން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ނުކުމެ ތިބޭއިރު ހޮވާ ކެންޑިޑޭޓް ވާން ޖެހޭނެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކެންޑިޑޭޓަކަށް ކަމަށެވެ. އަދި 2008 ގައި ވީގޮތާއި 2013 ގައިވީ ގޮތާއި 2018 އަޅުގަނޑުމެން ކާމިޔާބު ކުރި ގޮތް އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"2008ގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ލިބުނީ 25 ޕަސެންޓް. އެ ފަހަރު އިންތިޚާބު ކާމިޔާބު ކުރެވުނީ ކޯލީޝަނެއް ހަދައިގެން. ސިޔާސީ އެހެން ފިކުރުގެ މީހުން އެއްބައިކުރުވައިގެން. އެހެން ނަމަވެސް ދެ މަސް ނުވެ ކޯލިޝަން ދިޔައީ ރޫޅިގެން. ވީ ވައުދު އޮތީ އޮތް ތަނެއްގައި. އޭގެ ފަހުން ދައްޗަކަށް ފަހު ދައްޗެއް ކުރިމަތިވެ، ދައުރު ފުރިހަމަ ނުވެ އަނެއްކާވެސް ޖެހުނީ މަގު މައްޗަށް ނުކުންނަން،" 2008 ގައި ގާއިމްކުރި ސަރުކާރުގެ ކޯލިޝަން ނަޝީދު އުވާލައްވައި، އެމަނިކުފާނު ވެރިކަން ވެއްޓުނު ގޮތަށް ރައީސް އިޝާރާތް ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެން ކަންތައް ކުރަން ޖެހޭ ގޮތެއް ނޫން. ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު އެ މުއްދަތުގައި ހުރެވެން ޖެހޭނެ،" އަނެއްކާވެސް ނަޝީދަށް ބަހުގެ ހަމަލާއެއް ރައީސް އަމާޒު ކުރެއްވި އެވެ.

ރައީސް ދެން އަލިއަޅުވާލެއްވީ 2013 ގެ އިންތިޚާބަށެވެ. އެއީ އެމްޑީޕީ އެންމެ ގަދަކޮށް އޮތް ފަހަރު ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި 48 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބި، ދެވަނަ ބުރު ގެއްލުނީ ކޯލިޝަން ހަދާނެ ބައިވެރިއަކު ނުލިބިގެން ކަމަށް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް. ސިޔާސީ އެހެން ފިކުރުގެ މީހުންނަކީ ރާއްޖޭގައި އުޅޭ ބައެއް، އެ މީހުން ވެސް ގެނެސް، އެ ބަޔަކާ އެކު އިންތިޚާބު ކާމިޔާބުކުރެވޭނީ. މައިނޯރިޓީ ވެސް ރައްކާތެރިކަން ކުރަން ޖެހޭނެ. ކާކާ އެކީގައި ގޮސްގެންތޯ އެހެން ފިކުރުގެ މީހުންނާ އެކު މަސައްކަތް ކުރެވޭނީ،" ނަޝީދު ގެންގުޅޭ ކޯލިޝަނާ ދެކޮޅު ސިޔާސަތަށް ރައީސް ރައްދު ދެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު. --ފޮޓޯ: އިބޫ 2023 ކެމްޕޭން

ޕާޓީގެ ތެރޭން ނަޝީދުގެ ފެކްޝަނުން ސަރުކާރަށް ކުރާ ޖެއްސުންތަކަށް ވެސް ރައީސް ވަނީ އަލިއަޅުވާލައްވައިފަ އެވެ. އެމަނިކުފާން ވިދާޅުވީ، މިއީ ދައްކަން ބޭނުންވާ ވާހަކައަކަށް ނުވިޔަސް ކޮންމެ ދުވަހަކު ސަރުކާރަށް ދަތިކުރުމާއި އުނދަގޫކުރުމާއި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެންނާ ދޭތެރޭގައި ނަފްރަތު އުފެއްދުމަށްޓަކައި ޕާޓީ ތެރެއިން މަދު ބަޔަކު ނަމަވެސް އެކަން ކުރަމުން ދިޔަކަމީ ހަގީގަތް ކަމަށެވެ.

ކޮވިޑުގެ ތެރޭގައި ސަރުކާރަށް އޮތް އިތުބާރު ކުޑަކުރަން ނަޝީދުގެ ފެކްޝަނުން ދެއްކި ވާހަކަތަށް ވެސް ރައީސް ރައްދު ދެއްވި އެވެ. އަދި ރައީސް އަކީ ރިއެކްޓް ނުކުރާ ބޭފުޅެއް ކަމަށް ވިދާޅުވެ ނަޝީދު ޖައްސަވާ ޖޯކުތަކަށް ވެސް ރައީސް ރޭ ރައްދު ދެއްވި އެވެ.

"އަޅުގަނޑު މިހާތަނަށް މަސައްކަތް ކުރަމުން މި އައީ، އެ ބޭފުޅުން އެ ވިދާޅުވާ ރިއެކްޓް ނުކޮށް. އެހެން ނަމަވެސް ބައެއް ކަންތައްތަކުގައި ރެސްޕޮންޑު ކުރަން އެބަ ޖެހޭ. ކޮވިޑުގެ އާލަމީ ވަބާޔާ އެކުގައި، ކޮންމެ ދުވަހަކު، ރާއްޖެ މާދަމާ ބަނޑަށް ޖެހެނީ، ކާޑު ހުސްވާނެ، ބޭހެއް ނެތް، ރަށްރަށުން ދެން އަންނާނީ ބޮޑީ ބޭގުތައް. މިހެން ގޮސް މިދިޔަ ދެ އަހަރު އަޅުގަނޑު މި ހޭދަކުރީ މި ވާހަކަތައް އަޅުގަނޑުމެންގެ ކަންފަތުގައި އިވިއިވި ހުރެ. ވިސްނާވަޑައިގަންނަވާ، މި ދަތިކަމުގައި ވެސް އަޅުގަނޑުމެން ކޮވިޑު ކޮންޓްރޯލް ކުރެވިގެންދިޔަ ގޮތާއި ރައްޔިތަކު ބަނޑަށް ޖެހިގެން މި ގައުމުގައި ހުރިތޯ. އަސާސީ ހިދުމަތެއް ނުލިބި ހުރިތޯ،" ނަޝީދު ފަޅިން "ފިކުރެއްގެ ދިރުމުގެ" ނަމުގައި ބޭއްވި ކެމްޕޭން ހަރާކާތުގައި ދައްކާފައި ހުރި ވާހަކަތަކަށް ރައީސް ރައްދު ދެއްވި އެވެ.

މި ސަރުކާރު ސްލޯކަމާއި ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ކަމަށް ނަޝީދު ދަައްކަވާ ވާހަކަތަކަށް ރައީސް ރައްދު ދެއްވީ ތަފާސް ހިސާބުންނެވެ.

"ނަޝީދުގެ ވެރިކަމުގައި ސޮއިކުރީ ފެނުގެ އެންމެ ޕްރޮޖެކްޓެއްގައި. ނަރުދަމާގެ ނިޒާމު ގާއިމްކުރަން ސޮއިކުރީ އަށް ޕްރޮޖެކްޓެއްގައި. އެހެން ނަމަވެސް މި ވެރިކަމުގައި 141 ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް ނިންމާފައިވޭ،" އެތައް ބައެއްގެ ތަރުހީބުގެ އަޑާ އެކު ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ސަރުކާރުގެ ސިއްހީ ނިޒާމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އޭރު ކިތަންމެ ކުޑަކަމެއް ދިމާވިއަސް އަންނަން ޖެހެނީ މާލެ އަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ބަދަލުރަން މި ސަރުކާރުން ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކޮށް، ޓާޝިއަރީ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން ބޯހިޔާވަކަން ތަނަވަސްކޮށް ނުދޭ ކަމަށް ނަޝީދުގެ ފަރާތުން ދައްކާ ވާހަކަތަކުގެ ރައްދުގައި ރައީސް ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގައި 8،782 ފްލެޓުގެ މަސައްކަތް އަމަލީ ގޮތުން ހިނގަމުންދާ ކަމަށެވެ.

"މިހާތަނަށް އެއްވެސް ސަރުކާރަކަށް، އެ ސަރުކާރަކުން ފެށި ހައުސިން ނިޒާމެއް ނިންމައި، ރައްޔިތުން އެ ފްލެޓުތަކަކަށް ވެއްދިފައެއް ނެތް. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ މި ފަސް އަހަރު ނިމޭއިރު އަޅުގަނޑުމެން ހަދަމުން އެދާ ފްލެޓުތަކުގެ ތެރެއިން ބަޔަކަށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން، ދިރިއުޅެވޭނެ ވަރު ކޮށްދޭނަން،" އިތުބާރާ އެކު ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު. --ފޮޓޯ: އިބޫ 2023 ކެމްޕޭން

ފިކުރެއްގެ ދިރުމުގެ ކެމްޕޭނުގައި އެންމެ ބޮޑަށް ފާހަގަކުރާ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ނަންގަވައި ނަަޝީދު ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދިނުން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރަށް ހަތަރު އަހަރުވީއިރު އެ ސަރުކާރުން އެކުލަވާލި ކޮންޓްރެކްޓަކުން ބޯހިޔާވަހިކަމެއް ފޯރުކޮށްދިން އެންމެ ރައްޔިތަކު ވެސް ނެތް ކަމަށެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ވެސް މި ސަރުކާރުންވީ ބޮޑު މުހިންމު ވައުދެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވީއިރު މާލެ މީހުންނަށް ދޭން ވައުދުވި ގޯތިތައް ހުރީ ކަނޑުއަޑީގައި ކަމަށެވެ.

ނަޝީދުގެ މި ވާހަކަތަަކަށް ވެސް ރައީސް ރައްދު ދެއްވި އެވެ.

"މާލެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި އަޅުގަނޑުވީ ވައުދު، 5،000 ގޯތި ދިނުމުގެ ވައުދު އިރާދަކުރެއްވިއްޔާ ކަޑަ ޖަހައި އިންވަކިކޮށް ރޯނު ދަމާ މާލޭ ރައްޔިތުންނަށް މި އަހަރުތެރޭ ދޭނަން. އަޅުގަނޑު އެކަން ކުރާނިއްޔަކީއެއް ކުރެންދޫ ރައްޔިތުންނަށް ކަނޑުން 1،000 ގޯތި ދިން ގޮތަކަށް ނޫން،" މިދިޔަ އަހަރު ބޭއްވި ކުރެންދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ކުރެންދޫ ބޭރުން 1،000 ގޯތި ދެވިދާނެ ކަމަށް ޓޫރިޒަމާއި ހައުސިންގެ ބޭނުމަށް ރާއްޖޭގައި ތަރައްގީ ކުރާ "ފްލޯޓިން ސިޓީ" ހަދާ ނެދަލެންޑްސް ޑަޗް ޑޮކްލޭންޑް ކުންފުނިން ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ޖޯކު ޖައްސަވައި ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު. --ފޮޓޯ: އިބޫ 2023 ކެމްޕޭން

އިނގިރޭސިވިލާތަށް ރާއްޖޭން އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަަމަށް ވަގުތުގެ ބޭނުން ހިއްޕަވައި ނަޝީދު އިސްވެ އިއުލާން ކުރައްވައި ނެންގެވި ކްރެޑިޓަށް ވެސް ރައީސް ރައްދު ދެއްވި އެވެ.

"އިނގިރޭސިވިލާތަށް ވިއްކާ މަހުން، ދަޅު މަހުން ޓެކްސް ކަނޑާލެވޭތޯ ކުރެވުނު މަސައްކަތުން އެކަންކޮށް، މި އިންނެވި އަބްދުﷲ ޝާހިދުކޮށް ނިންމާ ހިސާބުން މިހާރު އެ ވިދާޅުވަނީ މި އަންނަ މަހު އެކަން ވާނޭ،" ނަޝީދަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން އިނގިރޭސި ވިލާތަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށް އިނގިރޭސި ސަރުކާރުގެ ބައެއް ވެެރީން ވިދާޅުވެފައިވާ ކަމަށް ނަޝީދު އިއުލާން ކުރެއްވީ ޑިސެމްބަރު 21، 2022 ގަ އެވެ. އޭރު ސަރުކާރުން އޮތީ ޖެހިގެން އަންނަ ދުވަހު އެކަން އިއުލާނު ކުރަން ނިންމައިފަ އެވެ.

"ޝާހިދު ކޮން ކަމެއްތޯ ކުރެއްވީ ދެން. ޝާހިދު ކުރެއްވި ކަމެއް ވިދާޅުވެ ބައްލަވާ،" ނަޝީދަށް ޖޯކު ޖައްސަވައި ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ މަސްވެރިަކަމުގެ ސިނާއަތަށް ނަޝީދު ފާޑުވިދާޅުވެ ދައްކަވާ ވާހަކަތަކަށް ވެސް ރައީސް ރައްދު ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެލިއު އެޑުކޮށްގެން ނޫން ގޮތަކަށް މަސްވެރިކަން ކުރިނޭރުވޭނެ ކަމަށް ނަޝީދު ވިދާޅުވާ ކަމަށާއި އެ ފާޑުކިޔުން ސަރުކާރަށް އަމާޒު ކުރައްވާއިރު ނަޝީދުގެ ވެރިކަމުގައި މަހުގެ އުފެއްދުންތައް އިތުރު ކުރެއްވުމަށް ކުރެއްވި ކަމެެއް ނެތް ކަމަށެވެ.

"ވެލިއު އެޑްކޮށްގެންނޭ ރާއްޖޭގެ މަސް ބޮޑު އަގުގައި ވިއްކޭނީ އެ ވިދާޅުވަނީ. އެކަމަކު ކީއްތޯ ކުރެއްވީ. ފެލިވަރު އެއީ 50 ޓަނު ބަންދު ކުރެވޭ ތަނެއް، 15 ޓަނަކަށް ކުޑަ ކުރެއްވީއޭ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ. ސައްބީސް ރުފިޔާ އަށް މަސް ކިލޯއެއް ގަތީމޭ ވިދާޅުވޭ. ތެދެއް. އެކަމަކު ކިހިނެތްތޯވީ. އެކްސްޕޯޓް ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި،" ނަޝީދުގެ ނަން ވިދާޅުނުވެ އެމަނިކުފާނަށް ރައީސް ފާޑު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް ފްރީޒިން ކެޕޭސިޓީ އިތުރުކުރުން ވަރަށް މުހިންމު ކަމަށައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި ސަރުކާރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެމަނިކުފާނަށް ވެސް މަހުގެ އަގު ބޮޑު ކުރެއްވިދާނެ ކަމަށާއި ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެތީ އެފަދަ ކަމެއް ވޯޓް ހޯއްދެވުމަށް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް ސޯލިހު ޕްރައިމަރީ މީޑިއާ

ފުވައްމުލަކަށް ދާދި ފަހުން ނަޝީދު ކުރެއްވި ދަތުރުގައި ހެއްދެވި "ދޮގު" ތަކަށް ވެސް ރައީސް ރައްދު ދެއްވި އެވެ.

ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށާއި ކޮންމެ މަހަކު ވެސް ދަރަނި ދައްކަން 70 މިލިއަން ޑޮލަރު ޚަރަދުކުރާ ކަމަށާއި ކުރިޔަށް އޮތް ކޮންމެ މަހަކު 40-50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ވާހަކަތައް ރައީސް ރައްދު ދެއްވި އެވެ.

ރައީސް ވިދާޅުވީ އެކަންކަމުގެ ހަގީގަތަކީ މި މަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު ކަމަށާއި އަންނަ މަހު 14 މިލިއަން ޑޮލަރު އަދި މާޗު މަހު 27 މިލިއަން ޑޮލަރު ކަމަށެވެ.

މިގޮތަށް އޮޅުވާލައިގެން، ސިޔާސީ މަންފާއެއް ހޯދަން ދައްކާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި، ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފާޑުކިޔަސް ވަރިހަމަ. ކިތަންމެ ވަރަކަށް ވެސް ފާޑުކިޔަންވީ. އެކަމަކު ރައްޔިތުންނަށް އޮޅުވާނުލައްވަން އަޅުގަނޑު އެދެން،" ނަޝީދަށް އިލްތިމާސެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކުގެ ރައްޔިތުން ތާއީދުކޮށް އެމްޑީޕީއަށް ގޮނޑިތައް ހޯދައިދިން މިންވަރާ ގާތަށް ވެސް ސަރުކާރުން އެ ސިޓީއަށް އަޅާނުލާ ކަމަށް ނަޝީދު ދެއްކެވި ވާހަކައަށް ވެސް ރައީސް ރޭ ރައްދު ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ފުވައްމުލަކުގެ ތަރައްގީއަށް 786 މިލިއަން ރުފިޔާ ކަނޑައެޅި، މިހާރު ވެސް 438 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު އެ ސިޓީގައި ހިނގަމުންދާ ކަމަށެވެ.

"މަގުތައް ހެދި ނިމެނީ. ގިރާ ސަރަހައްދު ހިމާޔަތްވަނީ. އޭގެ ބޭރުން ބޮޑުމަގެއް ތަރައްގީވަނީ. ކްލާސްރޫމާއި މަލްޓި ޕާޕަސް އެޅެނީ. އާ އިންޖީނުގެ ހެދެނީ،" ފުވައްމުލކުގެ ތަރައްގީގެ މަޝްރޫތަކުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ހިނގަމުންދާއިރު، ފުވައްމުލަކުގައި ހުންނަވައިގެން، އެ ރަށުގައި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް ނަޝީދު ވިދާޅުވުމަކީ ބޮޑު "ޖޯކެއް"ގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ރައީސްގެ ވާހަކަ ނިންމަވާލެއްވީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.