މާލޭގެ ރައްޔިތުންނަށް ދޭން ބުނި ގޯތި އަދި ހުރީ ކަނޑު އަޑީގައި ކަމަށް ބުނެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބުނާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ސަމާލުކަން ނުދޭތީ ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީ މެނިފެސްޓޯގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޭންވި ވައުދަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ބުނި ނަމަވެސް، އެކަން އެފަދައިން ނުވި ކަމަށެވެ. އަދި މާލޭ މީހުންނަށް ދޭން ބުނި ގޯތި އަދި ފެނުން މައްޗަށް ނާރާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ހީކުރީ، މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ކަނޑާފައިދީ. ތިބޭފުޅުންނަށް އެތަންނަށް ވަދެވޭނެ ކަމަށް. އެހެންނަމަވެސް އެކަން އެގޮތަށް ނުވި. މާލޭ މީހުންނަށް ދޭން ބުނި ގޯތި އަދި ހުރީ ކަނޑު އަޑީގައި. ފެންމަތި ވެގެން އެކަން ކުރެވޭނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ބޮޑެތި ތަރައްގީތަކަކީ ބަނދަރާއި ޓާފް ދަނޑުތައް އެޅުމެއް ނޫނެވެ. އަދި މި ސަރުކާރުން ފަށާ ގިނަ މަސައްކަތްތަކަކީ ނުނިމި ހުރި މަސައްކަތްތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހާ މި ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ދެ ބޭފުޅުން ވެސް ގެންދަވަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ. ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިން ޖަލްސާތަކެއް ރައީސް ސޯލިހާއި ނަޝީދު ވެސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހު 28 ގަ އެވެ.