އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް މުހައްމަދު ނަޝީދު ނ. މާފަރަށް ދަތުރުކުރައްވައި ބޭއްވި ކެމްޕޭން ޖަލްސާއަށް ލިބުނީ ފިނި ތަރުހީބެކެވެ.

މާފަރުން މައުލޫމާތުދިންގޮތުގައި ރައީސް ނަޝީދު ވަޑައިގަންނަވާކަން އިއުލާނު ކުރުމުން، އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ކިޔަން ދިޔައީ އެންމެ ހަ މީހެކެވެ. ކެމްޕޭން ޖަލްސާއެއް ބާއްވަން ތާވަލްކުރި ނަމަވެސް، މަދު ބަޔަކު ދިއުމުން ޖަލްސާގެ ބަދަލުގައި ބޭއްވީ ކުޑަ ބައްދަލުވުމެކެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވީ އެންމެ 14 މީހުންކަމަށް އެނގިފައިވެ އެވެ.

އެ ބައްދަލުވުމަށް އައި މެމްބަރުންނާއި، ބައްދަލުކުރައްވައި، ބައެއް ގެތަކަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު ވަނީ ވަރަށް އަވަހަށް މާފަރުން ފުރައިވަޑައިގަންނަވާފަ އެވެ.

މާފަރަށްފަހު ރައީސް ނަޝީދު ނ. ލަންދޫއަށް ދަތުރުކުރައްވާފައިވެ އެވެ. އަދި މިއަދު ކުރައްވާ ދަތުރުފުޅުގައި ނ. އަތޮޅުގެ ބައެއް ރަށްތަކުގެ އިތުރުން ރ. އަތޮޅަށާއި، ބ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. އެނގިފައިވާ ގޮތުން ރައީސް ނަޝީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން ހުރިހާ އަތޮޅަކަށް ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ނަޝީދާއި ވާދަވެރި ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް މިހާރު ވަނީ އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުތައް ކުރިއަށް ގެންދަވަމުންނެވެ.