ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ލަސްވެގެންދަނީ ހުކުމުގެ ތަފްސީލު ރިފޯޓު މިހާތަނަށް ލިބިފައިނުވާތީ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

ބައެއް މީޑިއާތަކުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އެމަނިކުފާނުގެ ވަކީލުން އިސްތިއުނާފު ނުކުރާ ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ.

މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ހުކުމްކުރި ދުވަހުގައި ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މަޙްޟަރު ބަޔާންތަކާއެކު ހޯދުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އަދިއަދަށްވެސް އެ ރިޕޯޓު ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ހުކުމް އިއްވި ދުވަހު ޚުލާސާ ރިޕޯޓު ހޯދުމަށް އެދުނު ނަމަވެސް އެ ރިޕޯޓު ދޫނުކޮށް ލަސްކުރާތީ އިހުތިޖާޖުކުރުމުން ޖެހިގެން އައި ދުވަހު ޚުލާޞާ ރިޕޯޓު ކޯޓުން ދޫކުރި ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އެ ރިޕޯޓަކީ ހަމައެކަނި ޝަރީއަތުގެ ހުލާސާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޯޓުން ދޫކުރި ރިޕޯޓުގައި ނުހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވައި ޝިޔާޒު ވިދާޅުވީ ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައި ނުވެސް ނެތް ކަމަށާއި އިސްތިއުނާފުގެ މަސްދަރަކަށް ވާނީ ދެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙުޟަރު ބަޔާންތައް ކަމަށެވެ. އަދި ހުލާސާ ރިޕޯޓު ދިނުމުގައި ކުރިމިނަލް ކޯޓުން އަމަލުކުރި ގޮތަށް ބަލާއިރު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުންކުރާނެކަމަށް ބެލެވޭ ކަމުގައި ޝިޔާޒު ވިދާޅުވި އެވެ.

ހުކުމް އިސްތިއުނާފް ކުރަން 60 ދުވަސް ލިބޭނެ އެވެ.