"މިއޮޑިއެއް ނުފެތޭނެ، މިއީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް" ފަދަ ބަސްބަހުން އެމްޑީޕީއަށް ނިސްބަތް ކުރައްވާ އެ ޕާޓީގެ އެއް ބާނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް މި ވަނީ ވަރުގަދަ ކެމްޕޭނަކަށް ނިކުމެ ވަޑައިގެންފަ އެވެ.
މިފަހަރު އެމަނިކުފާނު ވާދަ ކުރައްވަނީ އިދިކޮޅު ޕާޓީއެއްގެ ކެންޑިޑޭޓަކާ ނޫނެވެ. އަމިއްލަ ޕާޓީގެ އިސް ލީޑަރުގެ ގޮނޑީގައި މިވަގުތު އިންނެވި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށެވެ. ދެބޭފުޅުންގެ މެދުގައި ހިނގާ ކެމްޕޭނުގެ އަމާޒަކީ ކުރިޔަށް އޮތް ރިޔާސީ ދައުރުގައި ރާއްޖޭގެ ރައީސް ކަމަށްވުމަށް ވާދަކުރުމަށް އެމްޑީޕީން ހޮވާ ކެންޑިޑޭޓަކަށް ވުމެވެ. މިކަމަށްޓަކައި ހިފަންޖެހޭ ހިފުންތަކަށް ބޭނުންވާނެ ލަޝްކަރު އެއްކޮށް ދެފަރާތުގައި ސަފުތައް ވަނީ ރުކުރުވާލައިފަ އެވެ. އެންމެ ފަހުގެ އަމާޒަށް ހުށަހެޅިގަތުމުގެ ކުރިން ދެފަރާތުގެ "ނަޣަރާ"ގެ އަޑު މިވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ގުގުމައިފަ އެވެ.
މާ "ސްލޯ"
ރައީސް ނަޝީދުގެ މައިގަނޑު އެއް ވާހަކައަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަންކަން ހިނގަމުން ދަނީ އެކަށީގެންވާ ވަރަށް ވުރެ މާ ލަހުން ކަމަށެވެ. ސަރުކާރުން ކުރަހާފައިވާ ތަރައްގީގެ ޕްލޭންތަކުގެ އަމަލީ މަސައްކަތް ހިނގަމުންދާ ދުވެލި މަޑުކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ހުރި، އެކަމަކު މި ސަރުކާރުގެ ވެރިކަން ނިމުމަށް އަހަރަކަށް ވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ވެސް ނުފެށި ހުރި ބައެއް މަޝްރޫއުތަކާއި ފެށި ނަމަވެސް ނިމޭނެ ދުވަހެއް ވެސް ނޭނގޭ ބައެއް މަޝްރޫއުތަކަށް އަލި އަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ "ސްލޯވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން" ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ލަސް ދުވެލީގެ ވާހަކައިގެ އިތުރުން ނަޝީދު ވަނީ އެ ސަރުކާރުގައި ވެފައިވާ ބައެއް ވައުދުތަކަށް ޖޯކު ޖައްސަވައި މަލާމާތް ވެސް ކުރައްވައިފަ އެވެ.
"މާލޭގެ ރައްޔިތުންނަށް ދޭ ގޯތިތައް ހުރީ ކަނޑު އަޑީގައި" ކަމަށް ވިދާޅުވުން ފަދަ އެތައް ވާހަކަފުޅެއް މިއަދުގެ ސަރުކާރަށް އަމާޒު ކުރައްވައި ރައީސް ނަޝީދު ގެންދަވަނީ ދައްކަވަމުންނެވެ.
ސަރުކާރުގެ ޕޮލިސީތަކާއި ކަންތައް ހިނގާ ލަސްމިނަށް ފާޑު ވިދާޅުވުމުގެ އިތުރުން ރައީސް ސޯލިހު އުޅުއްވަނީ ޚުދުމުޚުތާރު ވެރިކަމެއް ދިގު ދެމިގެންދާ ފަދަ ގޮތަކަށް ކުރައްވަން ކަމަށް ދޭހަވާ ގޮތަށް ވެސް ރައީސް ނަޝީދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
ރާއްޖޭގައި ގިނަ އަހަރުތަކަކަށް ދެމިގެންދިޔަ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމަށް އިޝާރަތްކުރައްވައި ރައީސް ނަޝީދު ވިދާޅުވަނީ ރައީސް ސޯލިހު ހިންގަވަނީ މައުމޫނު ކުރެއްވި ފަދަ ވެރިކަމެއް ގިނަ ދުވަސްތަކަކަށް ކުރެއްވުމަށް މަގުފަހި ކުރެއްވުމަށް ކަމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބި ވަޑައިގެންފިނަމަ ތިންވަނަ ދައުރަކަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލާކަމުގައި ވިދާޅުވަމުން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެނަދަވަނީ "ލަހޭ. ސްލޯއޭ، މާ މަޑުންނޭ، ފިނިހަކަ ދުވެލީގައޭ" ފަދަ ބަސްބަހެވެ.
ނަޝީދުގެ ވާހަކަފުޅުތަކުގެ ޚުލާސާއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާން ޖެހޭނީ އެމަނިކުފާނުކަމެވެ. އެމަނިކުފާނުގެ އަތްޕުޅުގައި ހިފަން ދައުވަތު ދެއްވަމުން ޓެކްސް ކުޑަކޮށް ދެއްވާނަމޭ، މުދަލުގެ އަގު ދަށް ކޮށްދެއްވާނަމޭ ހެޔޮ ވެރިކަމެއް ކޮށް ދެއްވާނަމޭ ގެންދަވަނީ ވިދާޅުވަމުންނެވެ.
މައްސަލައަކީ ވެރިކަން ބޭނުންވުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް މުހައްމަދު ނަޝީދަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ސިޔާސީ ހަޔާތް ވެސް ހޭދަ ކުރެއްވީ އެކުގަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވުމާ ހަމައިން ދެބޭފުޅުންގެ ދެމެދުގައި ވަނީ މައްސަލަތަކެއް އުފެދިފަ އެވެ. އެ މައްސަލައާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވަނީ މައްސަލަ ޖެހިގެން އުޅެނީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ ރައީސް ކަމުގައި ކޮންމެ މީހަކު ހުއްޓަސް އެ މީހަކާ ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނަޝީދު ބޭނުން ވަނީ ވެރިކަން ކަމަށެވެ.
ވެރިކަމުގެ ދައުރު ނިމުމަކާ ގާތްވެފައިވާ ދަނޑިވަޅެއްގައި ކުރަމުންދާ ކެމްޕޭނުގައި ރައީސް ނަޝީދު ވިދާޅުވަމުންދާ ފާޑު ވިދާޅުވުންތަކަށް ރައީސް ސޯލިހު ވިދާޅުވަނީ ދިމާވި ދަތިތަކާއެކު ވެސް އެމަނިކުފާނުގެ ސަރުކާރުން ކޮށްދެވުނު ކަންތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ރައީސް ކަމުގައި ދައުރެއް ފުރިހަމަ ކޮށްލެވުމަކީ ވެސް ރައީސް ނަޝީދަށް ނުވި ކަމެކެވެ. އެހެންކަމުން އެގޮތުން ބަލާ އިރު ވެސް ރައީސް ނަޝީދަށް ވުރެ އެމަނިކުފާނު ގާބިލްކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވަ އެވެ.
ހުސްވައުދު
ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ދެބޭފުޅުން ވެސް ގެންދަވަނީ ވޯޓު ހޯއްދެވުމަށްޓަކައި ވައުދުތަކެއް ވަމުންނެވެ. ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްކޮށް ދެއްވާނެ ކަމަށް ވައުދުވަމުން ރައީސް ނަޝީދު ވިދާޅުވަނީ މި ސަރުކާރުގެ ޕްރޮޖެކްޓްތައް ހުރީ "އަންނަނީ" އަޅުވާފައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވާގޮތުގައި އެއިން އެއްވެސް ޕްރޮޖެކްޓެއް ލޮލަކަށް ނުފެނެ އެވެ.
ރައީސް ސޯލިހު ވިދާޅު ވަނީ މުޅި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވައި އެމަނިކުފާނު ގެންދަވަނީ އެންމެނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެއްވަމުން ކަމަށެވެ. އެ ޚިދުމަތްތައް ކުރިޔަށް އޮތް ދައުރުގައި ވެސް ދެއްވާނެ ކަމަށް ވައުދުވެވަޑައިގަންވަމުން ކުރިޔަށް އޮތް ދައުރުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ލިސްޓު އެމަނިކުފާނު ގެންދަވަނީ އިތުރަށް ދިގު ކުރައްވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރެވޭ ކެމްޕޭނުގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިނގާ ކުރިމަތިލުމުގައި މޮޅުވާނީ ކޮން ބޭފުޅަކު ކަން ނޭނގުނު ކަމަށް ވިޔަސް، އެ ބޭފުޅުން ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތައް ފުއްދޭނެކަން ނުވަތަ ނުފުއްދޭނެ ކަން ނޭނގުނު ކަމަށް ވިޔަސް ޔަގީނުން ވެސް އެނގެން އޮތް ކަމަކީ ދެބޭފުން ވެސް އެ އުޅުއްވަނީ ގައުމުގެ ރައީސް ކަމުގެ ގޮނޑި ހޯއްދަވަން ކަމެވެ. ދެ ފަރާތުން ސަފުތައް ރުކުރުވައިލާ "ނަޣަރާ" ކުރަމުން އެ ގެންދަނީ ހަމަ އެ ބޭނުމުގަ އެވެ.