ވޮޝިންޓަން (20 ޖެނުއަރީ) - އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން މިހާރު އިޒްރޭލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫކްރެއިނުގެ މަޝްރަހާ ބެހޭ ގޮތުން އިޒްރޭލުގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ރައީސް އިސާކް ހެރްޒޮގްގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާއަކު ބޭއްވި ބައްދަލުވުމެއްގައި އެ ބޭފުޅުނުް ވަނީ ޔޫކްރެއިންގައި ހިނގަމުން އަންނަ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހިންގަމުން އަންނަ ޖަރީމާތައް އިޒްރޭލުން ކުށްވެރި ކުރި ނަމަވެސް އިޒްރޭލުން މިހާތަނަށް ޔޫކްރެއިންއަށް ދީފައިވަނީ ހަމައެކަނި އިންސާނީ އެހީ އެވެ.
މި ބައްދަލުވުމުގައި ނަތަންޔާހޫ ވަނީ ޔޫކްރެއިންއާ ގުޅިގެން އިޒްރޭލުން ގެންގުޅޭ ސިޔާސަތުތައް ބަދަލު ކުރައްވަން ވިސްނާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ޔޫކްރެއިންއަށް އަސްކަރީ ހަތިޔާރުގެ އެހީ ދޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލީ ކޮހިން ޔޫކްރެއިންގެ ފޮރިން މިނިސްޓަރާ ގުޅުއްވައި ދެއްކެވި ވާހަކަ ފުޅުގައި ކޮހިން ވަނީ ޔޫކްރެއިންއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިޒްރޭލުން ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޔޫކްރެއިންގެ މަޝްރަހުގެ އިތުރުން މި ދެގައުމުގެ މަޝްވަރާތަކުގައި އީރާނުގެ މަޝްރަހާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ. އެގޮތުން އީރާނުގެ ފަރާތުން އޮތް ނުރައްކާ ކުޑަކުރެވޭނެ ގޮތްތަކާމެދު ދެގައުމުގެ އޮފިޝަލުން ވެސް ވާހަކަ ދައްކެވި އެވެ.
މީގެ އިތުރުން ވެސް އިޒްރޭލާއި އެމެރިކާގެ ދެމެދުގައި އޮތް ޒަމާންވީ ވަރުގަދަ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށް ދެގައުމުގެ އޮފިޝަލުންވެސް ޔަގީންކަން އަރުވާފައިވެ އެވެ. -- އަލް އަރަބިއްޔާ