އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ދެން ޖަލުން ސަލާމަތް ނުވާނެ ކަަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު، އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު(މޫކޭ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާއެއް އާޓިފިޝަލް ބީޗްގައި ބާއްވާފައިވާއިރު، އެ ޖަލްސާ ހުށަހަޅާފައިވަނީ މޫކޭ އެވެ.

ޖަލްސާ ނިންމާލައި ދެއްކި ވާހަކައިގައި މޫކޭ ވަނީ އިދިކޮޅުގެ ލީޑަރު ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ބިރަކީ "ދެމަފިރިން ވެގެން" ޕެނެޑޯލް ވަގަށް ނަގައިގެން ހިންގި ބިރުވެރިކަމެއް ކަމަށާއި، އެކަން ނިމިއްޖެ ކަަމަށް އޭނާ ބުނެފައިވެ އެވެ.

"އެ ނޫން އިތުރު ކަމެއް ކުރައްވާނެ ކަމެއް ނެތް، ޔާމީނެއް ދެނެއް ސަލާމަތެއް ނުވާނެ. ޔާމީނުގެ އަނިޔާވެރިކަމެއް ދެނެއް މި ރާއްޖެއަކަށް ނާންނާނެ،" މޫކޭ ހަރުއަޑުން ވިދާޅުވި އެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ޕީޕީއެމުން ވިއްސަކަށް ހާސް މެމްބަރުން "ވަގަށް" އެމްޑީޕީއަށް ވަދެފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކޮށްފައިވެ އެވެ. އަދި އެމްޑީޕީގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އުޅޭކަމަށް އޭނާ ތުހުމަތުކުރި އެވެ.

މޫކޭ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހެދި ނޫޅެ، ފުރަތަމަ، ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކުރިމަތިލާނެ ކެނޑިޑޭޓަކު ހޯދަށް އުޅުމަށް އިދިކޮޅަށް ގޮވާލާފަ އެވެ.

"ވަގުކަލޭގެ ހިފާ ހައްޔަރުކޮށް، އެ އޮތީ ޖަލަށް ލާވެސް ނިމިފައި. ވަގުކަލޭގެ ޖަލަށްލާ ނިމިއްޖެ،" މޫކޭ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކޯޓުން ޙުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލަ އަންނަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވެ އެވެ.