ވޮޝިންޓަން (26 ޖެނުއަރީ) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިންއަށް ދޭ އެހީއެއްގެ ގޮތުގައި އެމް 1 އޭ ވަން މޮޑެލްގެ ހަނގުރާމަ މަތީ ޓޭންކެއް އެގައުމަށް ދޭނެ ކަމަށް ބައިޑަންގެ ސަރުކާރުން އިއުލާން ކޮށްފި އެވެ.
އެމެރިކާގެ މި ނިންމުމަކީ ހުޅަނގުން ޔޫކްރެއިންއަށް ދެމުން ގެންދާ ހަތިޔާރުގެ އެހީއަށް އިތުރުވި ބޮޅެކެވެ. އެމެރިކާ ފިޔަވައި ހުޅަނގުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ޔޫކްރެއިންއަށް އެހީ ފޮނުވާފަ އެވެ.
އެމެރިކާގެ ހަތިޔާރުގެ އެހީ ޔޫކްރެއިންއަށް ފޮނުވާނެ ކަމަށް އިއުލާން ކޮށްފައި މިވަނީ ރަޝިއާގެ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވަރުގަދަވާނެ ކަމަށް ލަފާކޮށް ޔޫކްރެއިނުން އެކަމަށް ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
މިއާއެކު ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން ޔޫކްރެއިންއަށް އެކި ގޮތްގޮތުން ވެފައިވާ 27 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއަށް އިތުރުވީ އެވެ.
މި ޓޭންކާއެކު ޔޫކްރެއިންގެ ލަޝްކަރު އިތުރަށް ވަރުގަދަވާނެ ކަމަށާއި ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލްކުރަން ފަސޭހަ ވާނެ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފައިވެ އެވެ.
މި ނިންމުން ސަރުކާރުން ނިންމި ނަމަވެސް ޔޫކްރެއިންއަށް ޓޭންކު ފޮނުވަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ މި އެހީއާއެކު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ޓްވިޓާ މެދުވެރިކޮށް ރައީސް ބައިޑަންއަށް ޝުކުރު އަދާކުރައްވައި މިއީ ކާމިޔާބަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. -- ސީއެންބީސީ