ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ގައި ބޭނުންކުރުމަށް ބައެއް އަސާސީ ހިދުމަތް ދޭ ވަސީލަތްތައް ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޗީއެމްއެޗްއިން މިހެން ބުނީ އޮންލައިން ނޫހަކުން އައިޖީއެމްއެޗުގައި އަސާސީ ބައެއް ވަސީލަތްތައް ނެތުމުން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން! މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މެޝިނަރީޒް ގަތުމަށް ވަކި ގާނޫނީ އުސޫލުތަކެއް ހުރުމުންނާއި ހަރަދު ކުޑަ ކުރުމަށް އިސްކަން ދޭންޖެހޭތީވެ، ބައެއް ފަހަރު ޑިޕާޓްމަންޓްތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއްްކަމުގައި އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.

އަދި އެހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ މަތީން އެތަކެތީގެ އަގާއި ފެންވަރު ބަލާ ވަކި އުސޫލަކުން ގަނެވޭ މުދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެއީ އެމެރިކާގެ އެފްޑީއޭ އާއި ޔޫރަޕްގެ ސީއީ ފަދަ ދުނިޔޭގެ ސެޓިފައިޑް ބޮޑީތަކުން ގަބޫލުކުރާ ފެންވަރުގެ އިކުއިޕްމަންޓް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އައިޖީއެމްއެޗްއިން ބުނީ އަސާސީ ބައެއް ވަސީލަތްތައް ނެތުމުން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން! މި ސުރުހީގެ ދަށުން އެ ނޫހުގައި ޝައިއު ކޮށްފައިވާ ހަބަރަކީ ހަގީގަތާ ހިލާފް ދޮގު ހަބަރެއް ކަމަށެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައި ވަނީ އައިސީޔޫގައި އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތިގެން، ޑޮކްޓަރަކު ކުރެއްވި ޓްވީޓް އަކާއި ގުޅިގެންނެވެ.

އެޓްވީޓް ގައި ވަނީ އެކަމުގެ ކަންބޮޑުވުމާ އެކު، އޭގެ މެޝިނެއް ހަދިޔާކުރާނެ ބަޔަކު ވޭތޯ އެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގައި ސްކޭން ކުރުމަށް އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) 5 މެޝިން އެބަހުރި ކަމަށެވެ.

އައިޖީއެމްއެޗްއަކީ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކަރުގެ ހޮސްޕިޓަލަކަށްވާއިރު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި އިތުބާރު ގެއްލޭ ފަދަ ހަބަރެއް ޝާއިއު ކުރުމުގެ ކުރީން ހޮސްޕިޓަލްގެ ބަހެއް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.