މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ތިބި ޕާޓިތަކަށް ރައީސް އިބްރާހީމް މުަހައްދު ސޯލިހު ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ރައީސް ސޯލިހުގެ ސިޓީފުޅު ފޮނުއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްއަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ފަރާތްޕުޅުން ވެސް އަދި އެއްވެސް ޕާޓިއަކުން ވެސް އެ ސިޓީފުޅާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ރައީސް ސޯލިހު ކޯލިޝަންގައި ހިމެނޭ ޕާޓިތަކަށް ސިޓީއެއް ފޮނުއްވި ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ނުލިބެއެވެ. އެހެން ނަމަވެސް އެ ސިޓީގައި ވަނީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ ޕާޓިތަކާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ރައީސްގެ ސިޓީފުޅެއް ކޯލިޝަންގެ ޕާޓީތަކަށް ފޮނުއްވި އިރު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ކޯލިޝަނަކާ އެކު ކަމަށް ރައީސްވެސް ވަނީ ވިދާޅުވެފައި އެވެ. އަދި ކޯލިޝަނަކާ އެކު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ބާރު ވަނީ އެމްޑީޕީން ރައީސް ސޯލިހަށް ދެއްވާފައި އެވެ.
އަދި ރައީސްގެ އަރިސް ދެ ބޭފުޅުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ރޭ ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވާފައެވެ.