މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވާދަކުރުމުގެ ވިސްނުން ދޫކޮށްލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ހުށަހަޅައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ރައީސްކަން ކުރައްވާ އެމްޑީއޭ އިން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމީ މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

ސިޔާމް އެ ބައްދަލުވުމަށް ހުށަހެޅީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ދޫކޮށްލައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުންގެ ރޫހު ވެސް ހުރީ ސިޔާމް ހުށަހެޅި ގޮތަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ބަދަލުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ކުރިޔަށް ދިއުމަށެވެ. މިކަމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ. ނަމަވެސް ބައްދަލުވުން ނުނިމޭތީ އަދި އެކަމަށް ވޯޓަކަށް ނާހަ އެވެ.

އެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ ކޯލިޝަން ހަދަން ޖެހޭނީ މާޒީގެ ތަޖުރިބާއަށް ބަލައި، އެމްޑީޕީއާ އެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެހެންވެ އެ ބައްދަލުވުމުގައި ކޯލިޝަން ހެދުމަށް ނިންމުން ރަނގަޅު ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެމްޑީއޭ އިން މިއަދު ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ގައުމީ މަޖްލިސްގެ މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ހުސެއިން ވަސީމް | ހުރިހާ

އެ ބައްދަލުވުމަށްފަހު ސިޔާމްގެ ނިންމުން އިއުލާންކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އިއުލާންކުރި ނަމަވެސް މިހާރު އެކަން ވަނީ ކެންސަލްކޮށްފަ އެވެ.

އެމްޑީއޭ އާއި ކޯލިޝަން ހަދަން ރައީސް ސޯލިހް ޝައުގުވެރިކަން ފާޅުކުރައްވައި، އެމްޑީއޭގެ ލީޑަރު ސިޔާމްއަށް ކޯލިޝަންގެ މަޝްވަރާތަކަށް ދައުވަތު ދެއްވައި ސިޓީފުޅެއް ވެސް ވަނީ ފޮނުއްވައިފަ އެވެ. އޭގެ އިތުރުން ރައީސް ސޯލިހްގެ އަރިސް ބޭފުޅުންތަކެއް ހޯމަ ދުވަހު ސިޔާމް އާ ބައްދަލު ކުރެއްވި ކަމަށް ވެސް އެނގިފައިވެ އެވެ.

މިދިޔަ ހަފުތާގައި ސިޔާމް ވެސް ރައީސް ސޯލިހާ ބައްދަލުކުރެއްވި އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަނެއް ހަދައިގެން ނުކުންނަން ރައީސް ސޯލިހް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ދައުވަތު އެމަނިކުފާނު ވަނީ މިހާރު ސަރުކާރުގައި ތިއްބެވި ކޯލިޝަން ޕާޓީތަކަށް ވެސް ދެއްވައިފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ޕާޓީއަކުން ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމައިފައެއް ނުވެ އެވެ.

ސިޔާމް އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އާއެކު އެވެ. ނަމަވެސް 2018 ވަނަ އަހަރު އެ ޕާޓީއާއެކު ކޯލިޝަނެއް ހަދައިފައެއް ނުވެ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެ ސިޔާމްގެ ކެމްޕޭނެއް ވެސް ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދިޔަ އެވެ.