ކުރީގެ ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައިކޯޓުގައި އެދޭނެ ކަމަށް އެމަނިކުފަނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީން އެގާރަ އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް އިއްޔެ ހައިކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ވުމުން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް އެދި ހައިކޯޓަށް ހުށައަޅުއްވާނެ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ކޯޓުތަކުގައި ކަފާލާތުގެ ދަށުން ދޫކޮށްލަން އެކި ފަހަރު އެކި ގޮތްގޮތަށް އަމަލުކުރަމުން އަންނަ ކަމަށެވެ. އަދި ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ތަފްސީލީ ގާނޫނެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ އިންސާފަކީ އެންމެންނަށް ވެސް އޮތް ހައްގެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް ވެސް އިންސާފު ލިބި މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިއްޔެ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި އެވެ. އެހެން ނަމަވެސް އަދި ހައި ކޯޓުން އެމައްސަލަ އާ މެދު ގޮތެއް ނުނިންމަ އެވެ.