އައިޖީއެމްއެޗްގައި ސިއްހީ ފަރުވާ ދިނުމަށް ސާމާނު ހުންނާނެ ކަމަށާ، ތަކެތި ނެތިގެން އެފަދަ ހާލަތަކަށް ދާން ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އައިޖީއެމްއެޗްގައި ސިއްހީ ހިދުމަތް ދިނުމަސް ބޭނުންވާ ސާމާނު ހުންނާނެ ކަމަށަ އިތުރަށްވެސް ސާމާނު ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި މިއުވާން ވިދާޅުވީ އައިޖީއެމްއެޗްގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ނެތިގެން އެ ހާލަތަށް ދާން ނުޖެހޭ ކަމަށެވެ.
އައިޖީއެމްއެޗްގެ އެކި ޑިޕާޓްމަންޓްތަކުގައި އެ ޑިޕާޓްމަންޓަކަށް ބޭނުންވާ މެޝިނަރީސް ހުންނާނެ ކަމަށެވެ. އަދި އެހެން ޑިޕާޓްމަންޓަކުން އެ މެޝީންތައް ބޭނުންކުރުމަށް އެދުމުން ލިބޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ. އަދި އެއީ އެހެން ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް ގެންގުޅޭ ބެސްޓް ޕްރެކްޓިސްއެއް ކަމަށެވެ.
މިއުވާން ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކަށް ވެސް އެންމެ ޒަމާނީ ވަސީލަތްތައް ހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއުވާން ވިދާޅުވި އެވެ.
އަތޮޅު ތެރޭގައި ތަރައްގީކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލުތަކާއެކު އައިޖީއެމްއެޗްގެ ބާރު ކުޑަވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މިއުވާން މިހެން ބުނެފައިވާއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި އަލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) އެއް ނެތުމުން އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ވަނީ އައިޖީއެމްއެޗްއަށް އަލްޓްރާސޮނޮގްރެފީ މެޝިނެއް ހަދިޔާ ކޮށްދެއްވުމަށް އެދި ޓްވީޓެއްކޮށްފަ އެވެ.