ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކިން ވާދަކުރަން ނުވަތަ ޖޭޕީ އިން ލީޑްކުރާ ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބަށް ނިކުތުމަށް ލަފާދޭ ގަރާރެއް މާދަމާ އޮންނަ ޖޭޕީގެ ކޮންގްރެސް އަށް ހުށަހަޅައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނާނީ މި ހަފްތާ ބަންދުގަ އެވެ. ޖޭޕީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ޕާޓީގެ އެކި މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ.
މި ކޮންގްރެސްއަށް ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމަން ގަރާރެއް ވަނީ ހުށައަޅާފަ އެވެ.
ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހުށަހެޅުއްވި ގަރާރުގައި ވަނީ ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށެވެ.
ކޮންގްރެސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ މާދަމާ ފަށާ ކޮންގްރެސްއަށް އަބުޅޯ ހުށަހެޅުއްވި ގަރާރާ މެދު ގަރާރާމެދު މަޝްވަރާކޮށް، ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށެވެ.
އިލްހާމް ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް ލިބިފައި އޮތަސް އަދި އެކަމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު ވިދާޅުވީ ރައްޔިތުން އެދޭ އެދުމަކީ ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް ގެނައުން ކަަމަށެވެ. އެހެން ނަމަވެސް އެކަންކަމަކީ ޕާޓީގެ ކޮންގްރެސް އިން މަޝްވަރާ ކޮށްގެން ނިންމާ ނިންމުންތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އަކީ އަބަދުވެސް ކިންގް މޭކާ ކަމަށް ގާސިމް ނަންގަވާ ފަޅިއެއް ކާމިޔާބު ކުރާނެ ކަމަށާއި ގާސިމް ނަގަމުން އައީ ރައްޔިތުންގެ ފަޅި ކަމަށް އާރިފް ވިދާޅުވި އެވެ.