ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ އެ ތަނުން ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތައް ކަމަށް ފުލުހުން މިއަދު ބުނެފި އެެވެ.

ފުލުހުން ބުނީ އެތަނުން ފެނުނު ހަށިގަނޑުގެ ބައިތައް ތަހުލީލުކޮށްފައިވާ ކަމަށާ، ތަހުލީލުތަކުން ހޯދި ހޯދުމުގައި އެއީ ގެއްލުނު މީހާގެ ހަށިގަނޑުކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ޓަކައި މި ހަފުތާގެ ތެރޭ އިންޑިއާއަށް ހަށީގަނޑު ފޮނުވާލާފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިން ތިބޭ ގުޅީފަޅު ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ތަނުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައި ވަނީ އޭގެ ދެ ދުވަސް ފަހުންނެވެ.

އެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފުންގެ ތެރެއިން 70 އެތައް މީހަކަށް އެކި ވަރުގެ އަނިޔާވެ އައިޖީއެމްއެޗްއާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.