ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ފައްޓަވައި ދެއްވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ތިބޭ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮންގްރެސް ފައްޓަވައިދެއްވުމުގެ ކުރިން ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވަނީ ފާއިތުވި ފަސް އަހަރު ޕާޓީ ހިނގައިދިޔަ ގޮތުގެ ރިޕޯޓު ހުށަހަޅައިފަ އެވެ.

މި ކޮންފަރެންސްގައި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިމުންތައް ނިންމާނެ އެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާއި ޖުމްހޫރީ ޕާޓީގެ އާ ކައުންސިލް ހޮވުން އޮންނާނެ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ފެށި ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާޓީތަކުގެ އިސްވެރިންނާއި ސަފީރުން ބައިވެރިވަނީ.

އެގޮތުން އެ ޕާޓީގެ ލީޑަރު، ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، އަސާސީ ގަވާއިދަށް ގެންނަން ނިންމަން ނިންމާފައިވާ އިސްލާހުތަކަށް ބަހުސްކޮށް ގޮތެއް ނިންމުން ވެސް މި ކޮންގްރެސްގައި އޮންނާނެ އެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރު އަޔަންކުރަން ޖެހޭ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުން ވެސް އޮންނާނެ އެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:45ގަ އެވެ.