ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭ އިން ނިންމުމާ ގުޅިގެން ރައީސް ސޯލިހު އެ ޕާޓީއަށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ސޯލިހުއަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމާފައި ވަނީ މިއަދު އެވެ.

އެމްޑީއޭއަށް މަރުހަބާ ދަންނަވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްގީ އާއި ކުރިއެރުމަށް އެ ޕާޓީން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިތުރުން އެމްޑީޕީން ވެސް ވަނީ އެމްޑީއޭއަށް މަރުހަބާ ކިޔާފައި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީއޭ އިން ރައީސް ސޯލިހުއަށް ތާއީދުކުރަން ނިންމީ ރައީސް ސޯލިހުގެ ވެރިކަމުގެ މި ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުމާއި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދިނީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް އެ ޕާޓީން ގަބޫލުކުރާތީ ނިންމި ނިންމުމެއް ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. އަދި އެމްޑީއޭގެ އެ ނިންމުމަށް ޝޫކުރު އަދާ ކުރާ ކަމަށާ މަރުހަބާ ކިޔާ ކަމަށް އެމްޑީޕީން ބުނެ އެވެ.

ސިޔާމްގެ އެމްޑީއޭއިން ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމާފައި މިވަނީ އެ ޕާޓީގެ ގައުމީ މަޖްލިސް އިން އެގޮތަށް ފާސްކުރުމުންނެވެ. ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމައިފަ އެވެ.

އެމްޑީއޭގެ ކޮންގްރެސްގައި މިއަދު ނެގި ވޯޓުގައި ބައިވެރިވީ 36 މެމްބަރުންގެ ތެރެއިން ތެރެއިން، ރައީސް ސޯލިހަށް ތާއީދު ކުރަން 34 މެމްބަރުން ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީއާއެކު މަޝްވަރާކޮށްފަ އެވެ.