ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނާގަން މަސައްކަތް ކޮށްފި ނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ދެއްވައިފި އެވެ.

އާޒިމް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ބޭނުންވާ ވާޓުގެ އަދަދު ހަމަވެފައި ހުރި ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ނަޝީދު ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފި ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހަމަ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ. ރިޔާސީ އިންތިހާބާއި ގުޅިގެން އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދި ޕާޓީ ވަނީ ބައިބައިވެފައި އެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ބައިބައިވުން ފެނެ އެވެ.