ރައީސްގެ ދައުވަތު ގަބޫލުނުކޮށް، ޖޭޕީ އިން މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނުކުތުމަށް ހުށަހެޅި ގަރާރު ފާސް ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ގަރާރު ހުށާހަޅާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ގައި އެވެ. އަދި މިގޮތަށް ގަރާރު ފާސް ކޮށްފައި ވަނީ ކޮންގްރެސްގެ އިއްތިފާގުންނެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ގަރާރު ކޮންގްރެސްގެ އިއްތިފާގުން ފާސްވެފައިވާ ކަމާށާއި ޖޭޕީގެ ކައުންސިލަށް ފޮނުވާނެ ކަމަށެވެ. އަދި މިކަމާމެދު ދެން ގޮތެއް ނިންމާނީ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ކޮންގްރެސްގައި މި ގަރާރަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ޖޭޕީ އިން ރިޔާސީ އިންތިހާބުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ނުހަދާ ވާދަ ކުރުމަށެވެ. އަދި ޖޭޕީ އިން އެފަދަ ބޭފުޅަކަށް ހުންނެވީ ލީޑަރު ގާސިމް ކަމަށް މެމްބަރުން އިއްތިފާގުވި އެވެ.

ގަރާރަށް މެމްބަރުން ބަހުސް ކުރަމުން ދިޔަ ވަގުތު ބަހުސް މޮޑަރޭޓް ކޮށްދެއްވަމުން ގާސިމް ވަނީ ކޯލިޝަންތަކުގައި ޖޭޕީ އަށް ކުރެވުނު ހިތި ތަޖުރިބާތައް މެމްބަރުންނަށް ހަނދާން ކޮށްދެއްވާފަ އެވެ.

އެގޮތުން ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް އަންނަނީ ޖޭޕީ އިސްވެ އޮވެގެން ކަމަށެވެ. އެހެން ނަމަވެސް ދެން ފެންނަނީ ކޮންމެ ބަޔަކަށް ވެސް ވެރިކަމަށް އާދެވުމުން އެކަންކަން ހަނދާން ނެތި ކޯލިޝަންގެ އެއްބަސްވުންތަކާ ހިލާފުވާތަން ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާ ކައުންސިލަށް ފޮނުވާފައިވާއިރު، މިހާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަކަށް ރައީސް ސޯލިހު ވަނީ އެމަނިކުފާނާއެކު ކޯލިޝަން ހައްދަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެދި ސިޓީ ފުޅެއް ވެސް ފޮނުވާފައި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކޮންގްރެސްގެ ތެރެއިން. ފޮޓޯ: ޖޭޕީ

މިހާރު ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އާއެކު ހިމެނެނީ އަދަލަތު ޕާޓީ އާއި ރައީސް މައުމޫނުގެ އެމްއާރުއެމް އެވެ.

މިހާތަނަށް ރައީސްގެ އެދިލެއްވުމަށް ގޮތެއް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. އަދާލަތު ޕާޓިން ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމާފައި އެވެ.