ހެލްމެޓު އަޅަން ލާޒިމު ނުވާ ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭނަމަ އިތުރަށް ފާރަވެރި ވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެލްމެޓު އެޅުން ގާނޫނުން ލާޒިމު ކޮށްފައި ނުވާ ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން ކާކުކަން ނޭންގޭނެހެން މޫނު ނިވާކޮށް އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.

ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް އިތުރަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ބަލާ ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި އެވެ. އަދި އެސަރަހައްދު ފާހަގަކޮށް ބޯޑު ހަރުކޮށްފައި ވާނެ އެވެ.

ހުޅުމާލެ ބްރިޖުގައި ދަތުރު ކުރުމަށް ހެލްމެޓު އެޅުން ލާޒިމުކޮށްފައިވާ އިރު، އޭގެ ފަހުން ހެލްމެޓު އަޅައިގެން މޫނު ނިވާކޮށް ތިބެ މީހުންގެ މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުމާއި ފޜުން ފަދަ ކަންކަން ވަނީ އާންމު ވެފައި އެވެ.