ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމެޓީތަކުގައި 17 ބިލެއް މަޑު ޖެހިފައިވާ ކަމަށާ ބިލުތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމަވައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެމުން ރައީސް ނަޝީދު ވިދާޅުވީ އެކި ސަބަބުތަކާ ހެދި މަޖިލީހުގެ ކޮމެޓީތަކުގައި 17 ބިލެއް މަޑު ޖެހިފައިވާ ކަމަށެވެ. އަދި ކޮމެޓީތަކުގައި އެ ބިލުތަކުގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޑުޖެހިފައި ހުރީ މެމްބަރުން ސަރުކާރާއި ވާހަކަ ދައްކާން ޖެހިގެންނާއި އަދި އެއްގޮތް ކުރުމަށް ބޭނުންވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއީ ވަރަށް މުހިންމު ބިލު ތަކެއްކަން ފަހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެހެންވީމާ ކޮމެޓީތަކުގެ ވަގުތު އިތުރު ކޮށްގެން ވެސް ބިލުތަކުގެ މަސައްކަތް އަވަހަށް މިދައުރު ތެރޭގައި ނިންމަވާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މަސައްކަތްތައް ރޯދައިގެ ކުރިއަށް ބިލުތަކުގެ މަސައްކަތް ކޮންމެސް ވަރަކަށް ކުރެވިފައި ހުރުމަކީ ރޯދަ މަހަށް ވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޑުޖެހިފައިވާ ބިލުތައް

  1. ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު
  2. ކުންފުނީގެ ބިލު
  3. އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
  4. ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު
  5. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  6. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  7. ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  8. ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  9. ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
  10. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  11. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  12. އިންޝުއަރެންސާ ބެހޭ ބިލު
  13. މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު
  14. އެެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  15. ބިނާވެށި ޕްލޭން ކުރުމުގެ ބިލު
  16. ކަނޑުގައި ދުއްވާ އުޅަނދު ފަހަރާ ބެހޭ ބިލު
  17. އެއްގަމުގައި ދުއްވާ އުޅަނދުތަކާ ބެހޭ ބިލެވެ.