ޖުމްހޫރީ ޕާޓިގެ ކޮންގްރެސް އިން މިދިޔަ ހަފްތާގައި އިންތިހާބުކުރި އެޕާޓީގެ އާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް އެޖެންޑާ ކޮށްފި އެވެ.

މިދިޔަ މަހު 26 އަދި 27 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވަނީ އެޕާޓީގެ މަގާމުތަކަށް ބޭފުޅުން ހޮވުމާއި ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުން އިންތިހާބު ކޮށްފަ އެވެ. އެގޮތުން ޖޭޕީގެ ކައުންސިލަށް ވަނީ 25 މެމްބަރުން އިންތިހާބު ކޮށްފަ އެވެ.

ޖޭޕީގެ ކައުްނސިލްގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމާފައި ވާއިރު، ޖޭޕީ އިން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ވަކި ގޮތެއް ނިންމުމަށް ކައުންސިލަށް ހުށެހެޅުމަށް ކޮންގްރެސްގައި ވަނީ ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ގަރާރު ހުށާހަޅާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދެވެ. އެ މައްސަލަ ވަނީ ކައުންސިލަށް ފޮނުވުމަށް ނިންމާފަ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މި ގަރާރު ކައުންސިލަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައި ވަނީ ބައެއް ކޮމިޓީތަކުގެ އިންތިހާބަށް ހުޅުވާލުމާއި މަގާމްތަކަކަށް މެންބަރުން އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ މެންދުރު 14:00 ގައި އެވެ.