ޖުމްހޫރީ ޕާޓީ ގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ގާސިމް އާއި އިމްރާން ވަނީ އިއްޔެ ސަން އައިލެންޑް ރިސޯޓުގައި ބައްދަލު ކުރައްވާފައި އެވެ.

އިމްރާން މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއިދު ކުރުމަށް ނިންމާފައި ވަނީ ހަމަ އެކަނި އަދާލަތު ޕާޓީ އެވެ.

އިމްރާން އާއި ގާސިމް އިއްޔެ ހެނދުނު ވަނީ ސަން އައިލެންޑް ރިސޯޓުގައި ބައްދަލު ކުރައްވާފަ އެވެ. އަދި ދެ ބޭފުޅުން އެއްކޮށް އިއްޔެ ހަވީރު ވަނީ އެނބުރި މާލެ ވަޑައިގެންފަ އެވެ.

ގާސިމް އާއި އިމްރާންގެ މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ޖޭޕީ އިން ވެސް އަދި އަދާލަތު ޕާޓީ އިން ވެސް ނުދެ އެވެ. އެހެން ނަމަވެސް "ހުރިހާ" އަށް އިނގިފައިވާ ގޮތުގައި މި ދެ ބޭފުޅުން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މެދު މަޝްވަރާ ކުރެއްވި އެވެ. އަދި ރައީސް ސޯލިހު އަށް ތާއިދު ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށް "ހުރިހާ" އަށް ވަނީ އެނގިފަ އެވެ.