ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން މިއަދު ހައިކޯޓަށް ވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަށް ރުފިޔާގެ ޖޫރިމަނާއެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް އަށް ހުށަހެޅިތާ އެތައް ދުވަހެއް ވެއްޖެ ކަމަށާ އެހެން ނަމަވެސް އަދި އެކަމުގައި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެކަމުގެ ހަބަރެއް ނުވާތީ ކަންބޮޑުވުން ފާޅުކޮށް ހައި ކޯޓަށް ދިޔައީ ކަމަށެވެ.

ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ހައިކޯޓަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ މައްސަލަ ބަލައިގަތުން ލަސްވާތީ ރަޖިސްޓްރާއާ ބައްދަލުކުރުމަށް ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލު ނުކުރެވުނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިމައްސަލަ ބަލައިނުގަނެ ލަސްވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަަމަށެވެ. އަދި މި މައްސަލަ ބަލައިގަންނަންދެން ކޮންމެ ދުވަހަކު ހައިކޯޓަށް އަންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން މިއަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އަށް ވެސް ވަޑައިގެންފައި އެވެ.

ޖޭއެސްސީ އަށް ވަޑައިގެންފައިވަނީ ރައީސް ޔާމީން އަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހައިކޯޓަށް އައްޔަން ކުރަން ނިންމުމަކީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.