ކޯލިޝަން ހަދައިގެން މައްސަލަތައް ދިމާވަނީ ރިޔާސީ ނިޒާމެއްގެ ތެރެއިން އެކަން ކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ޝަހީމް ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ ކޯލިޝަންގެ ތެރެއިން މައި ޕާޓީގެ މެމްބަރުން ނިކަމެތިވެގެންދާ މަންޒަރު ކަމަށެވެ. އަދި ރިޔާސީ ނިޒާމުގައި ކޯލިޝަން ހަދައިގެން މަތީފަޑިން ކަންކަން ކުރީމާ އެޕާޓީއެއްގެ ދަށުގައި ތިބި މީހުން އެހެން ޕާޓީތަކަށް އިހުތިރާމް ނުކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ މިވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމެއްގެ ތެރެއިން ކޯލިޝަން ހަދައިގެން ސިޔާސީ މަސައްކަތް ކުރުމުން މައްސަލަތައް ދިމާވާނެ ކަމަށެވެ. އެއީ ރިޔާސީ ނިޒާމު ޖާގަ ނުދޭ ސިޔާސީ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު މިދަނީ ރިޔާސީ ނިޒާމުގައި އެ ނިޒާމުން ޖާގަ ނުދޭ ސިޔާސީ މަސައްކަތެއް ކުރަމުން ކަމަށެވެ. އަދި މީގެ ކުރިންވެސް މިއައީ އެކަން އެގޮތަށް ކުރަމުން ކަމަށާ އެހެންވީމާ އޮނިގަނޑޫގެ މައްސަލަތައް ދިމާވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. 2008 ވަނަ އަހަރު ނެގި ރިޔާސީ ނިޒާމުގެ ވޯޓުގައި ވެސް ނަޝީދު ތާއީދުކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ.
2008 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީވެސް ގިނަ ޕާޓީތަކަކާއެކު ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅުނެވެ.
ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް ނުހިންގޭނެ ކަމަށް ނަޝީދު ބުނަމުން ދިޔަ ނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ކެންޑީޑޭޓެއް ހޮވުމަށް ބޭއްވި އެޕާޓީގެ ޕްރައިމަރީ އިން ނާކާމިޔާބު ވެވަޑައިގަތުމުން ނަޝީދު ވަނީ ވަކި ފެކްޝަނެއް އުފައްދަވާފަ އެވެ. އަދި އަނެއްކާ ވެސް ކޯލިޝަނެއް ހެއްދެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ.