ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ކުރީގެ ޑިރެކްޓަަރު ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހަށް އޭސީސީން ފޮނުވައިފި އެވެ.

އޭސީސީން ބުނީ ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީ އަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު، އެއްބަސްވެފައިވާ ކަަމަށެވެ. އަދި އެ ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު، އެއްބަސްވުމަށް ރިއާޔަތްކުރުމެއް ނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަމަށް އޭސީސީން ބުނެ އެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީގައި އެދިފައިވެ އެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ސާމީ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސާފަ އެވެ. އަދި އޭނާ އަކީ އެ މަގާމަށް އެކަށީގެން ނުވާ މީހެއް ކަމަށް ބުނެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ސިވިލްސާވިސް ކޮމިޝަނަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.