ހަތް އަހަރު ފަހުން ދިވެހި ރާއްޖެއިން އީރާނާއެކު ސިޔާސީ ގުޅުން ގާއިމިކުރަން ދިވެހި ސަރުކާރުން ނިންމިއިރު ހާރިޖީ ވަޒީރު ޝާހިދު އެ ވިދާޅުވާ ފަދަ އިންސާނީ ހައްގުތަކުގައި އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އދ. އިން އީރާނަށް ކުރިން ކަނޑަޅުއްވާފައި ހުންނެވި އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއާ އާއި އީރާނުން އަލުން ސިޔާސީ ގުޅުންތައް ގާއިމުކުރަން ނިންމާފައި ވާތީ ރާއްޖެއިން ވެސް އީރާނާ އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމާފައި ވަނީ މިއަދު އެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވީ ރާއްޖެއިން އީރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމާފައިވާ ކަަމަށް މިހާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވުމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާ މެދުވެރިވެގެން ސައުދީ އާއި އީރާން ދެމެދު ސިޔާސީ ގުޅުން ގާއިމުކުރަން ނިންމާފައިވުމުން ދިވެހި ރާއްޖެއިން ވެސް އީރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހާރިޖީ ވުޒާރާ އިން ވެސް ބުނެފައި ވަނީ ސައުދީ އަރަބިއާ އާއި އީރާނުން ދެ ގައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސައުދީ އަރަބިއާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ޝާހިދުގެ މި ވާހަކަތަކާ ގުޅިގެން ޑރ. ޝަހީދު ވިދާޅުވީ ހާރިޖީ ވަޒީރު ޝާހިދު އެ ވިދާޅުވާ ފަދަ އިންސާނީ ހައްގުތަކުގައި އެއްވެސް ކުރިއެރުމެއް އިރާނަށް އައިސްފައި ނުވާ ކަމަށެވެ.

މީހުން މެރުމާއި ވިހަލުމާއި އަނިޔާކުރުމާއި ގިނަ މީހުން އެއްފަހަރާ ހައްޔަރުކުރުމާއި އަނިޔާކުރުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެކަންކަމުގެ ސަބަބުން އީރާނުގެ ވެރިރަށް ތެހެރާންއަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ މެމްބަރުންނަށް ވެސް ނުވަދެވޭ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

އީރާންގެ އަންހެނުން ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ހިލާފުވެގެން ހައްޔަރުކުރި ޒުވާން އަންހެން ކުއްޖެއް ހައްޔަރުގައި ހުއްޓައި މަރުވުމާ ގުޅިގެން، އީރާންގައި ދައުލަތާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އަދި އެ އެއްވުންތަކުގައި މީހުން ހައްޔަރު ކުރުމައި މީހުން މެރުން ފަދަ ކަންކަން ހިނގަ އެވެ.

އީރާންއާއި ސައުދީން ގުޅުން ކަނޑާލީ ސައުދީގެ ޝީއީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް އެ ގައުމުން 2016 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރުމުން އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ.

ސައުދީ އިން އީރާނާ ގުޅުން ކަނޑާލުމުން ރާއްޖެއިން ވެސް އީރާނާ ގުޅުން ކަނޑާލަން 2016 ވަނަ އަހަރު ނިންމި އެވެ.