ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ގާޒީ ހައިކޯޓަށް ބަދަލުކޮށްފައި ވާތީ އެމައްސަލާގައި ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އިދިކޮޅު ކޯލިޝަނުން ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރުމަށް ހިނގައްޖެ އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ އިސްބޭފުޅުންތަކެއް މިއަދު ހެނދުނު އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެކޮމިޝަނަށް ވަޑައިގެން ނަމަވެސް ކޮމިޝަންގެ މެމްބަރަކާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނގެ ބޭފުޅުންނާ އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައްދަލު ކުރައްވާފައި އެވެ.
މިވަގުތު އިދިކޮޅު ކޯލިޝަން ހިނގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގައި، ކަންބޮޑުވާ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ އެމައްސަލަތަކާއި އެކު އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން އައި ނަމަވެސް އެބޭފުޅުންނަށް ބައްދަލު ކުރެއްވީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދޅާުވީ ރައީސް ޔާމީންެގ މައްޗަށް ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް ހަމަ އެ ގާޒީ މިހާރު ހައިކޯޓަށް ބަދަލުކޮށްފައިވާ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެޗްއާރުސީއެމްގެ ސެކްރެޓަރީއާއި ހިއްސާކުރެއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާ ތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރަމުން ގެންދާ މައްސަލަވެސް އެޗްއާރުސީއެމްއާއި ހިއްސާ ކުރެއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފތާ ވަނީ ހައިކޯޓުގެ ބޭފުޅުންނާވެސް ބައްދަލު ކުރެއްވުމަށް ކޯޓަށް ވަޑައިގެންފައި އެވެ.