ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަވާ ހައްދަވާ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު މިހެން ވިދާޅުވިއިރު މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވަކިން ކުރިމަތިލުމަށް ނިންމާފައިވަނިކޮށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ކޯލިޝަން ހެދުމަށް ޖޭޕީއަށް ވެސް ރައީސް ވަނީ ދައުވަތު ދެއްވާފައި އެވެ.
އަލީ ޒާހިރު ވިދާޅުވީ ރައީސް ސޯލިހުގެ ލީޑަޝިޕްގެ ދަށުން އެމްޑީޕީ އިސްވެ އޮވެ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަނާއެކު މަސައްކަތްކޮށްގެން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މިއަދު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އިން އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާ ވަކިން ވާދަކުރެއްވުމަށް ނިންމާފައި އެވެ.
ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރެ ވާދަ ކުރުމަށް ހުށަހެޅުމުން ކައުންސިލް މެމްބަރުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ. އެ ހުށަހެޅުން ފާސްވީ 48 މެމްބަރުންގެ ވޯޓުންނެވެ.