ރަން ގަލަމުން ލިޔުނަސް "ދައުރު" ނޫހުގައި ލިޔެފައި ވަނީ ފޭކް ވާހަކައެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުރު ނޫހުގައި "ޔާމީނަށް ފޮނުވި ނޯޓް ވީދާލުމަކީ ލީޑަޝިޕަށް މެސެޖެއް" މި ސުރުހީގެ ދަށުން ނޫސްވެރިކަމުގެ ރަންގަލަން ހޯއްދަވާފައިވާ މޫސާ ލަތީފު ލިޔުއްވި އާޓިކަލްއަށް ރައްދުދެއްވައި، ޑރ. ޖަމީލް ވިދާޅުވީ މިއީ ހަގީގަތާ ހިލާފަށް ސިލްސިލާކޮށް އެކަކު ކިޔާ ވާހަކައެއް ކަމަށެވެ.

ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރި ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން ރަންގަލަން މޫސައަށް ލިބިފައިވެ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ސިޔާސީ މަސައްކަތް ޕީޕީއެމްއިން ކުރަންވާ ގޮތް އެ ޕާާޓީން އޮތީ ނިންމާފައި ކަމަށެވެ. އަދި ރައީސް ޔާމީނާ ނުލައި މިއަހަރުގެ ރިޔާސީ އިންތިޚާބެެއް ނޯންނާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މޫސަ ލިޔެފައިވާ ގޮތުގައި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ރައީސް ޔާމީންއަށް ވަކީލުން މެދުވެރިކޮށް ފޮނުވި ނޯޓް އެމަނިކުފާނު ވަނީ ވީދާލާފަ އެވެ. ނަމަވެސް ވަކީލުންވަނީ މިކަން ދޮގު ކޮށްފަ އެވެ. އަދި ޕީޕީއެމުން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.