ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ވެސް އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ދޮރުތައް ހުޅުވާލައިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިދިކޮޅު ޕާޓީތަކުން ބޭއްވުމަށް ނިންމާފައި އެއްވުމުގެ މައުލޫމާތު ދެއްވުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީޔާމް ވިދާޅުވީ ޕީޕީއެމުން އަދި ރައީސް ޔާމީންވެސް ގަބޫލުކުރައްވާ އުސޫލުތަކެއް އެބަހުރި ކަމަށެވެ. އެބޭފުޅުންނާއި އެކު މަސައްކަތް ކުރަންޏާ ޕީޕީއެމްއިން ގަބޫލު ކުރާ އުސޫލުތައް ބަލައިގަންނަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ ތަކާއި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާފަދަ ވާހަކަތަކާޢި އިންޑީއާ ސިފައިން ރާއްޖޭގައި ތިބޭ ވާހަކަތައް ޕީޕީއެމްއާއި އެކު ކޯލިޝަން ހަދާ ޕާޓީ އަކާއި އެކު ދެއްކެން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމްއިން ގަބޫލުކުރާ އުސޫލުތަކާއި އެކު ކޮންމެ ޕާޓީއަކަށްވެސް ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް ޕާޓީގެ ދޮރުތައް ރައީސް ޔާމީން ހުޅުވާލާފައިވާ ކަމަށެވެ.

ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް މިހާތަނަށް ނިންމާފައި ވަނީ ވަކިންނެވެ. އެހެން ނަމަވެސް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ ޖަލުގައި އެވެ. އެހެން ނަމަވެސް އެމަނިކުފާނު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް ގާބޫލު ކުރާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައި އެވެ. އަދި ރައީސް ޔާމީންގެ ނަން ރިޔާސީ އިންތިހަބުގައި އޮންނާނެ ކަމަށްވެސް ޕީޕީއެމްއިން ބުނެ އެވެ.