ހެޔޮކަމެއް ކޮށްދެވޭނީ އިހުލާސްތެރި ހެޔޮ ނިޔަތެއް އޮވެގެން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވި އިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ވަނީ ނިންމާފައި އެވެ. އަދި ޖޭޕީ އިން އިންތިހާބާ މެދު ގޮތެއް ނިންމާނީ ގައުމަށާއި ރައްޔިތުންގެ މަންފާއާއި ފައިދާއަށް އެންމެ ރަނގަޅު ގޮތަށް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ކިތަންމެ ގިނަ މަސައްކަތެއް ކުރި ނަމަވެސް، އެކަމަކުން އާހިރުގައި ހެޔޮ ނަތީޖާއެއް ނިކުންނާނީ އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ހެޔޮކަމެއް ކުރެވޭނީ އިހްލާސްތެރި ނިޔަތެއް އޮވެގެން ކަމަށް އިމްރާން ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދުކޮށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް ރައީސް ވަނީ ޖޭޕީ ހިމެނޭ ހެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކަށް ދައުވަތު ދެއްވާފައި އެވެ. ރައީސް ސޯލިހުގެ އެދުމަށް އެމަނިކުފާނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ނިންމާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އެކަންޏެވެ.
ރައީސް ސޯލިހު އާއެކު ކޯލިޝަން ހެދުމަށް ދައުވަތުދެއްވާ ސިޓީފުޅެއް ސަރުކާރުގައި ހިމެނޭ ޕާޓިތަކަށް ފޮނުވިތާ ދެ ދުވަސް ތެރޭގައި އަދާލަތު ޕާޓީ އިން ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަދާލަތުގެ ރައީސް އިމްރާންއަށާއި އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ.