އަންނަ މަހުގެ 15 ގައި ބާއްވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީން ވެސް ކެމްޕޭން ހަރަކާތްތައް ފަށައިފި އެވެ.

ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައި ވަނީ ތިން ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭން ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އިން ވަނީ ފަށައިފަ އެވެ. މިގޮތުން އެމްޑީޕީ އިން މިދާއިރާއަށް ކުރިމަތިލުމަށް އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހިމް ޝާޒް އާއި މިނިސްޓަރުންގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި އެހެނިހެން ސަރުކާރުގެ އިސްވެރިން ހިމެނޭ ޕާޓީގެ ވަފްދެއް މިދާއިރާގެ 3 ރަށަށް މިއަދު ދަތުރުކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީގެ އެޑިއުކޭޝަން މިނިސްޓަރާއި ބައެއް ކުންފުނިތަކުގެ އިސްވެރިން ކ. ގުރައިދޫގައި ކެމްޕޭން ކުރައްވަނީ. ފޮޓޯ: އެމްޑީޕީ

މިދަތުރުގައި މިދާއިރާގެ 3 ރަށުގެ ކެމްޕޭނު ޓީމުތަކާއި ރައްޔިތުންނާ ބައްދަލު ކޮށް ދޮރުން ދޮރަށް ހިނގާ ކެމްޕޭނު ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ސަރުކާރުގެ މި 4 އަހަރު ތެރޭގައި މިދާއިރާގެ 3 ރަށަށް ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފަ އެވެ. އޭގެ ތެރޭގައި ގުޅީގައި ފެނާ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެން ފަދަ މަޝްރޫއުތައް ވަނީ ނިންމާފައި ކަމަށް އެ ޕާޓީން ބުނެ އެވެ.

ގުރައިދޫ ދާއިރާގެ ކެމްޕެއިން މިދިޔަ ހަފްތާ ބަންދުގައި އެމްއެންޕީންނާއި، ޕީޕީއެމުން ފަށައި އެދާއިރާގެ ރަށްތަކުގައި ކެމްޕެއިންގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ޕީޕީއެމްއާއި، އެމްއެންޕީގެ އިސްބޭފުޅުން ވަނީ ގުރައިދޫ ދާއިރާގެ ތިން ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.

އެމްއެންޕީގެ އިސްބޭފުޅުންތަކެއް ކ. ގުރައިދޫގައި ކެމްޕޭން ކުރައްވަނީ. ފޮޓޯ: އެމްއެންޕީ

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ތިން ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.