ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެމްއާރުއެމްއިން އިދިކޮޅު ޕީޕީއެމް ޕީއެންސީއާއެކު ވެސް މަޝްވަރާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވަނީ އެމްއާރުއެމްއާއި ބައްދަލު ކުރައްވާފައި އެވެ.
މިބައްދަލުވުމުގައި އެމްއާރުއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމާ ގުޅޭގޮތުން ފާރިސް މިއަދު "ހުރިހާ" އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އެމްއާރުއެމްގެ ވިސްނުމަކީ ގައުމަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބެލުން ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު ސިޔާސަތުތަކަކީ ކޮބައިތޯ ބަލާ ރާއްޖޭގެ މިނިވަން ކަމާ އިސްލާމް ދީން ނެގެހެއްޓޭނެ ގޮތްތަކާއި ކޮރަޕްޝަން މަދު ކުރެވޭނެ ގޮތްތަކާއި މެދު ތަފްސީލީ ގޮތެއްގައި ގިނަ ސިޔާސީ ބޭފުޅުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.
އިއްޔެ އެމްޑީޕީއާއެކު ވެސް މަޝްވަރާ ކުރި ކަމަށާ އަދި އޭގެ ފަހުން ތަފްސީލީ ގޮތެއްގައި އެމްޑީޕީއާއެކު ވެސް މަޝްވަރާ ކުރާނެ ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި މިއަދު ޖޭޕީގެ ލީޑަރާއެކު ވެސް މަޝްވަރާ ކުރެއްވި ކަމަށާ ކުރިއަށް އޮތްތަނުގައި އެކި ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނާއި މަޝްވަރާ ކުރާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ހަމަ އެގޮތަށް އެމްއާރުއެމް އިން އެހެން ސިޔާސީ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރުމުގެ ވިސްނުން އެބަ ގެންގުޅުއްވާ ކަމަށާ އެކަމަށް ވަކި ހާއްސަ ޓީމެއް އެކުލަވާލާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އިދިކޮޅު ޕީޕީއެމްޕީއެންސީ އާއެކު މަޝްވަރާ ކުރުމަށް އެމްއާރުއެމް އިން ރަސްމީކޮށް އިއުލާން ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީއާ ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އެމްއާރުއެމްއިން އަބަދުވެސް ބަލާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާ ގައުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނެ ބަޔަކު ނެތް ނަމަ އެމްއާރުއެމް އިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމާއި މެދުވެސް ޕާޓީ ތެރޭގައި މަޝްވަރާ ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ޕީޕީއެމްއަކީ ފާރިސް މައުމޫންގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އުފެއްދެވި ޕާޓީ އެކެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު އޭރު އެމަނިކުފަނުގެ ކޮއްކޯފުޅު ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި އުފެދުނު ހިޔާލުތަފާތުވުންތަކުގައި މައުމޫން ވަނީ ޕީޕީއެމްގައި ވަކި ފެކްޝަނެއް އުފައްދަވަފައި އެވެ.
އަދި އެ ހިޔާލު ތަފަތުވުންތަކާއި އެކު 2016 ވަނަ އަހަރު ރައީސް މައުމޫންގެ އަތުން ޕާޓީގެ ހުރިހާ ބާރެއް ރައީސް ޔާމިން ވަނީ ނަންގަވާފައި އެވެ. އެއާއެކު ރައީސް މައުމޫން ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވާ ފަހުން މޯލްޑީވްސް ރިފޯމް މޫވްމަންޓު ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެއްވި އެވެ.