ރިޔާސީ އިންތިހާބާ ޖެހެންވާއިރަށް ކޯލިޝަންގެ ގޮތުގައި ނުތިބެވޭނަމަ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހިދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހި މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އިސްވެރިންނާ މިއަދު އެމަނިކުފާނުގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުގަ އެވެ.

ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން ވަކިން ރިޔާސީ އިންތިހާބަށް ކުރިމަތިލާނެ ކަމަށް އިއުލާންކޮށްފައި ވީނަމަވެސް މަޑުކޮށްގެން ހުންނެވީ ޖޭޕީ އިން ރަސްމީކޮށް އެމަނިކުފާނު ޕާޓީތަކަށް ފޮނުއްވި އެސިޓީއަށް ޖަވާބެއް ދޭނެ ކަމަށެވެ.

ރައީސް ވިދޅާުވީ ޖޭޕީ އަދި އެމްއާރުއެމްވެސް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާކަމުގައި ވަނީނަމަ މިއިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ހިޔާލް ތަފާތުވާ ބަޔަކާއެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރިއަށްދާއިރު އޭގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރުމަށް ހުރި ކަންތައްތައް ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހިޔާލް ތަފާތުވާ ބައެއްގެ ތެރޭގައި ކަންކަން ނިންމާއިރު އެކުގައި ނުތިބެވޭނަމަ އެކަމެއް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރު ކޯލިޝަން ހަދައިގެން އައި އިރު ޕާޓީތަކާއި އެކު ހަދާފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށެވެ. އެކަމަކު ރިޔާސީ އިންތިހާބަށް ދާއިރު އެކީގައި ނުތިބެވެންޏާ އެއެގްރިމަންޓު ނިމުމަކަށް ގެންނަން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގްރިމަންޓެއް އެބޮތް އޭގަ މިއޮންނަނީ ދައުރު ނިމެންދެން އެކީގަ ތިބެން، އެހެންނަމަވެސް ރިޔާސީ އިންތިހާބަށް ކުރިއަށްދާއިރު އެކީގަ ނުތިބެވެންޏާ އޭގަ އެއޮތީ އަޅުގަނޑު ގަބޫލުކުރާގޮތުގަ އެ އެގްރިމަންޓު ނިމުމަކަށް ގެންނަން ޖެހިފައި، އޭގެ މާނަ އަކީ ކޯލިޝަން ނެތީއެކޭ ނޫން އެ އެއްބަސްވެވޭ އެއްބަސް ވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާންވާނެ"

ރައީސް އިތުރަށް ވިދާޅުވީ އެއްބަސްވުން ތަންފީޒު ނުކުރެވޭ ކަމަށްވަންޏާ އޭގެ ބޭނުމެއް ނެތް ކަމަށެވެ. ކޯލިޝަންގައި ތިބި ހަތަރު ޕާޓީ އިންތިހާބުގައި އެކީ، އިންތިހަބާށް ކޮންމެ ޕާޓީއަކުން ކެންޑިޑޭޓަކު ނެރެންޏާ އޭގެ މާނައަކީ ކުރިއަށްދާއިރު ހިޔާލުތަފާތުވުންތައް އޮންނާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ޖޭޕީ އިން ނިންމާފައިވާއިރު، އެމްއާރުއެމް އިން އަދި ވަކިގޮތެއް ނުނިންމަ އެވެ. އެމްއާރުއެމްއިން ވަނީ މިފަހުން ރައީސް ސޯލިހުއާ ބައްދަލު ކުރައްވާފަ އެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާ ވެސް އެމްއާރުއެމްއިން އިއްޔެ ބައްދަލު ކުރައްވާފައިވެ އެވެ.