ރައީސް ނަޝީދުގެ ތާއީދު ނެތަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުއާއެކު މިވަގުތު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ނަޝީދުގެ ތާއީދު ވަރަށް ބޮޑަށް ވެސް ބޭނުން ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ތާއިދު ނުލިބުނަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ހިޔާލު ތަފާތުވުންތަކަށް ސުލްހަ ހޯދޭނެ ކަމަށެވެ. އަދި އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުކުރެވޭނެ ކަމަށާ ދެ މީހުންނަށް އެއްފަހަރާ ވެރިކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވީމަ އެކަންކަމަށް ވިސްނާ ރައްޔިތުންނަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީ ތެރެއިން ވަކި ފެކްޝަނެއް ހައްދަވައިގެން ރިޔާސީ އިންތިހާބަށް ތައްޔާރުވެވަޑައިގަތަސް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި އެކަމާމެދު ފިޔަވަޅެއް އެޅުމަށް ވެސް ނުވިސްނާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމީހެއްގެ ހިތުގަ އޮންނަ ޝުއޫރެއް ފާޅުކުރެވޭނެ ކަމަށެވެ. އަދި އެހެން ޕާޓީތަކާއި އަދި ސިޔާސީ ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިގެން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ކަންބޮޑުވާ ކަމެއް ނޫން ނަޝީދު ސިޔާސީ ބޭފުޅުންނާ އަދި ޕާޓީތަކާ މަޝްވަރާކުރުމަކީ. ޕާޓީގެ ފުލްކޮންޓްރޯލް އެބޮތް. ކަންބޮޑެއް ނުވޭ ގުޑުގުޑެއްނާޅާ މިކަމާމެދު ފިޔަވަޅު އަޅައިގެނެއް ނޫން ޕާޓީގައި ވެސް ކަންކަން ކުރަނީ. އެއަށް ވުރެ އަޅުގަނޑުމެން ވަރުގަދަ އެ ހުރިހާ ކަމަކާ އެކުވެސް އަޅުގަނޑުމެން ބޭނުންވާ ކަންކަން އެބަ ކުރެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދަކީ ޕާޓީއަށާއި އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއް ކަމަށާ އެހެންވީމާ އެމަނިކުފަނަށް އޮންނަ އިހުތިރާމް އޮންނާނެ ކަމަށެވެ.