ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޮ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާލައްވަމުން ފިސްކަލް އެކައުންޓަބިލިޓީއާ ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ޤާނޫނަށް ދެ އިޞްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ޖުޑިޝަރީ އިސްލާހުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ރައީސް ވިދާޅުވި އެވެ. އެގޮތުން ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު ރަނގަޅުވެ،ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަން ފާހަގަ ކުރައްވާ ރައީސްވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިޞްލާޙާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފު ކުރުމާއި އަދި އެ ޝަރްޢީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށެވެ.