ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ޓައިމްލައިނެއް އެކުލަވާލުމަށް މަޝްވަރާ ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ކުނޫޒްގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއާއި ޕޮލިސީ ކޮމެޓީގެ މެމްބަރު ހުސައިން އަމްރުއާއި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށް ފަހު ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ނަޝީދާއި ޖޭޕީ ގުޅިގެން މަސައްކަތް ކުރުމަށް ކެމްޕެއިންކަންކަން ކުރިއަށް ގެންދިއުމަށް ޓައިމްލައިނެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަމީން ވިދާޅުވީ މީގެ އިތުރުންވެސް ޖޭޕީ އާއި ރައީސް ނަޝީދު އެކުވެގެން މަސައްކަތް ކުރާ އިރު އެކި އިންތިޒާމްތައް ކުރިއަށް ގެންދިއުމުގައި ދެ ޕާޓީގެ ޓީމުތައް އެކުވެގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން މަސައްކަތް ކުރާ އިރުގައި ދެބައިމީހުން ގުޅިގެން ކުރިއަށް ގެންދަން ކަންކަން އިންތިޒާމު ކުރުމާ ކަންކަން ކުރިއަށް ގެންދަން ޓައިމް ލައިނެއް ދެފަރާތުންވެސް ޓީމުތައް ބައިވެރިވެގެން ކުރިއަށްގެންދާނެ ޓައިމްލައިން ތަކެއް ކުރިއަށް ގެންދިއުމާ ގުޅެގޮތުން މަޝްވަރާ ކުރެވުނީ" އަމީން ވިދާޅުވި އެވެ.

އަދި ދެފަރާތުންވެސް އެއްބަސްވާ ވަކި ވަކި މުއްދަތެއްގައި ކަންކަން ނިންމަން ދެފަރާތުންވެސް މަސައްކަތްކުރާނެ ޓީމު ލީޑަރުންނާ އަދި ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމާ އެކަމަށް ވާން ޖެހޭ ތައްޔާރީތަކާއި ގުޅެގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް އަމީން ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް މިމަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަން ދެފަރާތުންވެސް އެއްބަސްވާ ވަކި މުއްދަތުތަކެއްގައި ވަކި ކަންކަމެއް ނިންމަން އަދި އެކަން ނިންމުމުގައި ދެފަރާތުންވެސް މަސައްކަތް ކުރާނެ ޓިމު ލީޑަރުން ކަނޑައެޅުނު ވާހަކަ ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމާ އެކަމަށް ވާން ޖެހޭ ތައްޔާރީ ތަކާ ގުޅޭގޮތުން މަޝްވަރާ މިކުރެވުނީ" އަމީން ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގެންވެވި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ މުޅި ރާއްޖޭގައި އެމްޑީޕީއާއި ޖޭޕީ ގުޅިގެން ކެމްޕެއިން ކުރިއަށް ގެންދިއުމުގެ ސްޓްރަކްޗަރ އެކުލަވާލުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ހަސަން ވިދާޅުވި އެވެ.

"ބައެއް ކަންކަމުގައި ވަރަށް ތަފްސީލުކޮށް މަޝްވަރާ ކޮސްފައި ހުންނާނެ ކެމްޕެއިނެއްގެ ހިނގާނެ ކަންކަމުގައި އޭގެ ތަފްސީލުތަކާއިއެކު ބައްދަލު ކުރާނެ މީހުންނާ ގޮތާ މުޅި ރާއްޖޭގެ މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ ކެމްޕެއިނެއް ހިންގުމުގެ ސްޓްރަކްޗަރ އެކުލަވާލުމުގެ މަސައްކަތާ ގުޅެގޮތުން އަދި އަޅުގަނޑުމެންގެ ޖޮއިންޓްޓީމްތައް އެކުލަވާލާނެ ގޮތާ ހުރިހާ ކަމެއްގެ މަޝްވަރާ މިކުރިއަށް ދިޔައީ،" ހަސަން ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖޭޕީ އާއި ރައީސް ނަޝީދު އަދި ރަސްމީކޮށް ގުޅުވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ޖޭޕީ އާއި އެކު ކުރިއަށް މިދަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

ރަސްމީކޮށް މަސައްކަތް ފަށައިގެން މިދަނީ މިބައްދަލުވުމަކީވެސް ރަސްމީކޮށްވާ ބައްދަލުވުމެއް، އަޅުގަނޑުމެން އައިސް މިތިބީ ޕާޓީގެ ރައީސްގެ ފަރާތުން ރަސްމީކޮށް މިމަސައްކަތް މިކުރަނީ މީގެ ތެރޭގައި ކޯލިޝަނެއް ހެދިގެންދާއިރު އޮންނާނެ އެގްރިމެންޓަކާ އެއްޗެހި އެހެންވީމަ އޭގެ މަޝްވަރާވެސް މިރޭ ކުރިއަށް ދިޔަ އަދި އެއް އެގްރީމަންޓެއްގައެއް ސޮއެއް ނުކުރޭ ސޮއިކުރާ ހިސާބުން އާންމުކޮށް އަންގާނެ އެހެން ނަމަވެސް މިހާރު މިކުރެވެނީ އެދިމާލަށް ދިއުމަށްޓަކާ ކުރާ މަސައްކަތް" ހަސަން ވިދާޅުވި އެވެ.